ބީއެމްއެލް އިން މިއަދު ބުނީ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރަށް އަޅާފައިވާ ފިޔަވަޅުތަަކަށް ލުޔެއް ދޭނެ ކަމަށް ބުނެފި އެވެ.
ޓޫރިޒަމް ދަށްވެ، ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ މިންވަރު މަދުވުމުން ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ވިއްކާ ޑޮލަރުގެ ނިސްބަތް މަދުކޮށްފަ އެވެ. އަދި ކްރެޑިޓް ކާޑުތަކުން ދުވާލަކު އޮންލައިން ވިޔަފާރިއަށް ދޭ ޑޮލަރުގެ ލިމިޓެއް ހިމަނާފަ އެވެ. އަދި މި ބަދަލުގެ ސަބަބުން އޮންލައިން ވިޔަފާރިކުރާ ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށް ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
އެފަދަ އިޝާރާތެއް، އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ދެއްވާފައިވެ އެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާން ކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.