ފައްޔާޒާ މައްސަލައެއް ނުޖެހޭނެ، ބަހުގައި ހިފަހައްޓާނަން: ނަޝީދު

ނަޝީދު މިހެން ވިދާޅުވީ ފައްޔާޒާއި ނަޝީދު މައްސަލަ ޖެހޭނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ބޮޑު ބަދަލު ކެމްޕެއިން އިއުލާން ކުރަން ބޭއްވި ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒް ސަލާން ކުރައްވަނީ--ފޮޓޯ: ސަން

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ މައްސަލައެއް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ނަޝީދާއި ފައްޔާޒް ދެމެދު މައްސަލަ ޖެހި ޕާޓީ އެތެރެ ހަލަބޮލިވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. 

"ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއީ ދުވަހަކު ވެސް ވާނެ އަދި މީގެ ކުރިން ވެފައިވާ ކަމެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ ދުވަހަކު ވެސް ފައްޔާޒާ މައްސަލައެއް ޖެހިފައި އޮތީކީ ނޫން ކުރިޔަށް އޮތްތަނުގައި ވެސް ޖެހޭނެ ވެސް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީ އާ އަލުން ގުޅިވަޑައިގަތް ހިސާބުން ފައްޔާޒާއި ދެ ބޭފުޅުން ގެންދެވީ ވަރަށް ކައިރިން މަސައްކަތް ކުރައްވަމުންނެވެ. އަދި ނަޝީދު ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމެވި ކަން އިއުލާން ކުރެއްވީ ޥެސް ފައްޔާޒާ ގުޅިގެން "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިނެއް ފައްޓަވަމުންނެވެ. 

އެ ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ. އެކަން ކުރުމަށް ފައްޔާޒް އެމްޑީޕީގެ ޓިކެޓު ހޯއްދަވަން އިއުލާން ކުރެއްވި އިރު ނަޝީދު ވަނީ ފައްޔާޒަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭނާ ބަހުގެ އިތުބާރު ނުހިފޭނެ ބާވަތުގެ ބަހެއް ބުނެފައި ނުވާނެ ކަމަށެވެ. 

"އަޅުގަނޑު ބޮޑަށް ބަލަނީ ބުނާ އެއްޗެއް އިތުބާރާ އެކީގައި ހިފަހައްޓައިގެން ހުރެވޭތޯ." ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި 2028 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލާން ފައްޔާޒް ނިންމަވާފައިވާ އިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފަހު ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކި ދެ މަގާމަކަށް ހަދާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ވެރިއަކަށް އޭނާ ހުންނަވާފައި އުންމީދު ކުރައްވަނީ ދައުލަތުގެ ވެރިއަކަށް ނަޝީދު ވަޑައިގަތުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.