ދުވަހަކު ވެސް އެމްޑީޕީގެ ތެރޭ ގުޅުން ބަދަހި ނުވާ ވަރަށް އެކަތިގަނޑަކަށް ވެއްޖެ ކަމަށް ނަޝީދު ވިދާޅުވި

އެމްޑީޕީގައި މީގެ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް ގުޅުން ބަދަހިވެފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ކޮންމެ ދުވަހަކު ގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކާއި ޗެއާޕާސަން އިންތިހާބުގެ ތެރޭގައި ވެސް އެމްޑީޕީ އެތެރޭގައި ހިޔާލު ތަފާތުވުން ހުރި ނަމަވެސް މިހާރު އެ ޕާޓީ ވަރަށް ބޮޑަށް އެކަތިގަނޑަކަށް ވެފައިވާ ކަމަށެވެ.
ނަޝީދާ މީގެ ކުރިން އެންމެ ބޮޑަށް ހިޔާލު ތަފާތުވުން އުފެދުނު އިބޫ ވެސް ހުންނެވީ ވަރަށް ބޮޑަށް ޕާޓީގެ މަސައްކަތްތަކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ވެސް ގުޅުއްވާ ވާހަކަ ދައްކަވާ. މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީ، ރައީސް ސޯލިހާ ވެސް ވަރަށް ބޮޑު ގުޅުމެއް ބޭއްވިގެން ހުރިހާ ކަމެއް ހިނގަނީ." ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މީގެ ކުރިން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ޕާޓީ އޮފީހަށް ވަޑައިގެން ބައްދަލު ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ބޭފުޅުން ވެސް ޕާޓީގެ މަސައްކަތްތަކުގައި ގުޅިގެން ހަރަކާތްތެރިވުމުގެ ވިސްނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ލީޑާޝިޕްގައި ހިޔާލު ތަފާތުވުމެއް ނެތް. ޕާޓިގެ އާންމު މެންބަރުން ވެސް މި އަންނަނީ ވަރަށް ބޮޑަށް ގުޅުން ރަނގަޅުވަމުން." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގައި މިހާތަނަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ނަޝީދާއި އިބޫ ދެމެދުގަ އެވެ. އިބޫގެ ވެރިކަމުގައި ނަޝީދާ މައްސަލަ ޖެހި އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދެވި އެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. އަދި އިބޫ އަށް ދެވަނަ ދައުރެއް ވެސް ނުލިބުނީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ދެބައިވުމުގެ ތެރެއިންނެވެ.