އައިއެމްއެފް ރިޕޯޓާއި އަސްލު ހާލަތުން ފެންނަ މަންޒަރު ތަފާތު

އައިއެމްްއެފުން އެންމެފަހުން ނެރުނު ރިޕޯޓުގައި ވަނީ އިގްތިސޯދު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް ތަކެތީގެ އަގު އުފުލުމާއި އާމްދަނީގެ ހީނަރުކަމުގެ ސަބަބުން ހާލަތު ރަނގަޅުވެފައިވާ ކަމަށް ނުދައްކަ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ހަފުތާގެ މާލީ ހިސާބުގެ ރިޕޯޓާއެކު ނެރޭ ބަޔާންތަކުން ފެންނަނީ މުޅިންވެސް "ބަޖެޓް ސާޕްލަސް" ވެފައިވާ ތަނެވެ. ރާއްޖޭގެ ބާޒާރުގެ މުދަލާއި ހިދުމަތުގެ އަގު ފެންނަ އަސާސީ މުދަލުގެ ބާސްކެޓުން އަަބަދުވެސް ފެންނަނީ އަގުމަތިވުން ކޮންޓްރޯލްވެފައިވާ މަންޒަރެވެ. ރާއްޖޭން ބޮޑު ދަރަނި ދައްކާ ހަލާސްކޮށް ފިނޭންސް މިނިސްޓަރު މަގާމުން ދުރުވެއްޖެ އެވެ. މިއާއެކު ދެން މި ފެނުނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ރިޕޯޓެވެ. އައިއެފްއެފުގެ ޓީމެއް އެމްއެސް ޕިޔަޕޯން ސޮޑްސްރީބޫންގެ އިސްނެންގެވުމުގެ ދަށުން ރާއްޖެއަށް ވަޑައިގެން ނެރުވި އިގްތިސޯދުގެ ރިވިއުއެކެވެ. މި ރިވިއުގައި މާބޮޑު މައްސަލައެއް ނެތެވެ. އެހެންވެ އިގްތިސޯދީ ވަޒީރު ވެސް އެ ހުންނެވީ "ހެޕީ" ކޮށެވެ. އަދި މާލީ ވަޒީރުގެ ގޮނޑީގައި އަލަށް އިށީންނެވި ވަޒީރު އަދި މި ރިޕޯޓު ފެނުމުން އެ ހުންނެވީ މާ އުފަލުން ނެވެ. ނަމަވެސް ސުވާލަކީ އައިއެމްއެފްގެ ރިޕޯޓުގައި އެހެން އޮތަސް ހުރިހާކަމެއް ހުރީ އެގޮތަށް ހެއްޔެވެ ؟ އިގްތިސޯދުގެ ހުރިހާ ސޯބު ތަކެއް ބަރާބަރަށް އެނބުރޭ ހެއްޔެވެ؟ 

ރާއްޖޭގައި "ދެ އިގްތިސޯދެ" އް އޮވެއޭ ބުނެވިދާނެ އެވެ. އެއް އިގްތިސޯދަކީ ޓޫރިޒަމް ސިނާތެވެ. އަނެއް އިގްތިސޯދަކީ ލޯކަލް އިކޮނޮމީ އެވެ. މީގެ ތެރޭން ޓޫރިޒަމްގެ މިހާރުގެ ހާލަތަށް ބަލާއިރު އެއް މިލިއަން ފަހަނަ އަޅައިދިޔައީ އިއްޔެ އެވެ. ނަމަވެސް ޓޫރިސްޓުން އަންނަ އަދަދު ނުވަތަ ދުވާލެއްގެ މައްޗަށް ޓޫރިސްޓުން އަންނަ އަދަދު އިތުރެއް ނުވެ އެވެ. ޓޫރިޒަމްގެ އޮފް ސީޒަނަށް ވަތްވަގުތު ލައްވާލި އެމެރިކާ އާއި އީރާންގެ ހަނގުރާމައާއެކު ޓޫރިޒަމްގައި އޮތީ "ފުލުސްޓޮޕެއް" ޖެހިފައޭ ބުނެވިދާނެ އެވެ. މުޅި ޓޫރިޒަމަށް ބަލާނަމަ އެންމެ މުހިންމީ އަންނަ ޓޫރިސްޓުންގެ އަދަދުން ބޯ ގުނައިގެން އަންނަ ނަމްބަރަށްވުރެ ޓޫރިޒަމްގެ ކްރީމްކޮޅު ނުވަތަ އާމްދަނީ އަށް އަންނަ ބަދަލެވެ. މާލެ ކައިރީގައި ހުރި ރިސޯޓްތަކުގެ އޮކިއުޕެންސީ 50 ޕަސެންޓް ވަރުގައި ހުއްޓަސް މާލެއާ ދުރުގައި ހުރި ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 30 ޕަސެންޓަށްވުރެ ދަށުގަ އެވެ. އަދި ރަށްރަށުގައި ހުރި ރައްޔިތުންގެ ޖީބާ ގުޅުންހުރި ގެސްޓްހައުސްތަކުގެ ހާލަތު މާގޯހެވެ. އެމީހުން ބޮޑެތި ލޯނުތަކުގައި ތިބިއިރު ލޯނު ދެއްކޭނެ ގޮތެއް ނެތެވެ.

ޓޫރިޒަމް ދަށްވުމާއި ހަރަދުތައް ބޮޑުވުން

ވީއައިއޭގައި ޓޫރިސްޓުންތަކެއް : މިހާރުގެ ހާލަތުގެ ސަބަބުން ގިނަ ދަތިތަކެއް ދަނީ ކުރަމުން -- ދައުރު ފޮޓޯ

މަރުކަޒީ ބޭންކުގެ ގެ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، މި އަހަރުގެ އޭޕްރީލް މަހާ ހިސާބަށް ގެސްޓްހައުސްތަކުގެ އެވްރެޖް އޮކިއުޕެންސީ ހުރީ 18.3 ޕަސެންޓް ޕޮއިންޓް ދަށަށް ގޮސްފަ އެވެ. މާނައަކީ އެނދުތައް އިތުރުވި ނަމަވެސް، އެ އެނދުތައް ފުރޭ މިންވަރަށް ޓޫރިސްޓުން ރަށްރަށަކަށް ނާދެ އެވެ. ނަމަވެސް ކުރީ އަހަރުތަކުގައި ރާއްޖެ އަށް އަންނަ ޖުމްލަ ޓޫރިސްޓުން 26 ޕަސެންޓާ 27 ޕަސެންޓާ ދެމެދުގެ އަދަދެއް ގެސްޓްހައުސްތަކުގައި މަޑުކުރި އެވެ. ނަމަވެސް މިހާރު ފާހަގަކުރެވެނީ 23.7 ޕަސެންޓަށް މާކެޓް ޝެއާ ދަށްވެފައިވާ ތަނެވެ. މީގެ މާނައަކީ "ލޯކަލް ޓޫރިޒަމް" އަށް އަންނަ މީހުންގެ ބޮލަކަށް ޖެހޭ ނިސްބަތުން އާމްދަނީ މަދުވުމެވެ. މި ހީނަރު ކަމަކީ ގިނަ ގެސްޓްހައުސްތަކަށް ބުކިން ހޯދަން ޖަހާފައިވާ އަގޯޑާ އާއި ބުކިން ޑޮޓްކޮމް ފަދަ ޕްލެޓްފޯމް ތަކުން 15 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ ބޮޑު ކޮމިޝަނެއް ނަގައިގެން އެނދު ވިއްކުމުން ގެސްޓްހައުސް އޯނަރަށް ލިބޭ ގެއްލުން އިންތިހާ އަށް ބޮޑުވާނެ ހާލަތެވެ.

ގެސްޓްހައުސް ނަގާފަ ރިސޯޓްތަކުގެ އާމްދަނީ އާއި ކުރިއަށް އޮތް ހާލަތު ސާފުކޮށް އެނގެން އޮތީ މަރުކަޒީ ބޭންކުން އެންމެފަހުން ނެރުނު "ކުއާޓަލީ ބިޒްނަސް ރިވިއު" އިންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައިވެރިވި ބޮޑެތި ރިސޯޓްތަކުން ބުނެފައިވާ ގޮތުން ކުރިއަށް އޮތް ތަނަށް ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ކުރިއެރުމާ މެދު އޮތް ނުތަނަވަސްކަން ބޮޑެވެ. ރިސޯޓުތަކުގެ ބުކިންގް އާއި ލިބޭނެ ޖުމްލަ އާމްދަނީގެ އުންމީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޑިމާންޑް ހިފެހެއްޓުމަށްޓަކައި ކޮޓަރިތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކުރަން ޖެހުމުން އާމްދަނީ އަށް ވަނީ އަސަރުކޮށްފަ އެވެ. މާލީ ހާލަތު ދަށްވާތީ، ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުންގެ ޚަރަދުތައް ކުޑަކުރަން ނުވަތަ ހިފަހައްޓަން ވިސްނަން ވަނީ ޖެހިފަ އެވެ.

އަގުތައް އުފުލުގެ މައްސަލަ ބޮޑު

ބާޒާރުމަތީގައި މީހަކު ފިޔާ ސާފު ކުރަނީ ؛ މިއީ ހޫނުގަދަ ދުވަސްވަރެއް --

ޓޫރިޒަމްގެ މި ހީނަރުކަމުގެ ހިޔަނި ދަނީ ދައުލަތުގެ އާމްދަނީ އަށް އެޅެމުންނެވެ. މިދިޔަ މެއި މަހު ޖުމްލަ އާމްދަނީއަށް ދެ ބިލިއަން ދިވެހި ރުފިޔާ ލިބުނުއިރު، ލަފާކުރި މިންވަރާ އަޅާބަލާއިރު އާމްދަނީ ވނީ 0.3 ޕަސެންޓް ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ ޖީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓޫރިޒަމް ބިމު ކުއްޔާއި ބިދޭސީންގެ ކޯޓާ ފީ އިން ލިބުނު އާމްދަނީ ދަށްވެގެންނެވެ.

އާމްދަނީ ދަށްވާއިރު، ދައުލަތުގެ ހަރަދުތައް އެކަށީގެންވާ ގޮތެއްގައި ދަށެއް ނުވެ އެވެ. ޕޭ ފްރޭމްވޯކް އަށް ގެނައި ބަދަލާއެކު މުސާރަތައް ހަމަހަމަ ކުރުމުގެ ސިޔާސަތު އަދި މުވައްޒަފުން އިތުރުވުމުގެ ސަބަބުން ރިކަރަންޓް ހަރަދުތައް ވަނީ 16 ޕަސެންޓް އިތުރުވުފަ އެވެ. މި ހުރިހާ ނަމްބަރުތަކެއް މި ގޮތުގައި ހުރިއިރު، ބާޒާރުގައި މުދަލުގެ އަގުތައް ދަނީ އިންތިހާ އަށް މަތިވަމުންނެވެ.

މެއި މަހު ނެރުނު އަސާސީ މުދަލުގެ ލިސްޓުގައި މި އަހަރުގެ އޭޕްރިލް އާއި މެއި މަސް އަޅާކިޔާނަމަ އިންފްލޭޝަން ރޭޓް +1.14 ޕަސެންޓް އިތުރުވެފައިވާ ކަމަށް ފެނެ އެވެ. އަދި އަަހަރުން އަހަރަށް ބަލާނަމަ މި އަދަދު އުޅެނީ +6.35 ޕަސެންޓް އުފުލުމެއްގަ އެވެ.

މިހުރިހާ ނަމްބަރެއް ހުރިއިރު އަގުތައް އުފުލުގެ މައްސަލަ އޮތީ ނުރައްކާތެރި މިންވަރެއްގަ އެވެ. އިމްޕޯޓަރުންނަށް ޑޮލަރު ނުލިބި ކަޅުބާޒާރުން ޑޮލަރެއް 20.25ރ. އަށް ގަންނަން ޖެހުމު އަގު ދަނީ މަތިވަމުންނެވެ. ހަގީގަތަކީ އަސާސީ މުދަލުގެ ލިސްޓު 23 އަށް އިތުރު ކުރިޔަސް ބާޒާރުން އެކަމެއް ނުފެނެ އެވެ. ހަގީގީ އަގު އުފުލުހުން ހުރީ 26 ޕަސެންޓް ވަރު މަތީގައިކަން އެނގެ އެވެ. މި ދަތިދަނީ ރައްޔިތުން ތަހަމަލް ވެސް ކުރަމުންނެވެ. އެހެންވެ އައިއެފްއެފް އިން ރީތި ރިޕޯޓެއް ނެރުނަސް ހަގީގަތުގައި ރާއްޖޭން ފެންނަ މަންޒަރުގެ ހަގީގަތް އެ ރިޕޯޓުގައި ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.