ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އިގްތިސާދު ތަނެއް ނުދޭ: ޝުޖާއު

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ތާއީދު ކުރި ނަމަވެސް މިވަގުތު އިގްތިސާދީ ހާލަތު ހުރި ގޮތެއް އެކަން ނުކުރެވޭނެ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ތާއީދު ކުރި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު ހުރީ އެކަން ކުރާ ފަދަ ގޮތަކަށް ނޫން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާއިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ވިސްނުން ހުރި ގޮތް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ފަރާތުން އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ 2018 ގެ ވެރިކަން ނިމި އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލިސް އައިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި ލާމަރުކަޒީ ނިޒާމަށް ގެނައި އެހެން ބަދަލުތަކާއެކު މުސާރަ ބޮޑު ކުރަން ޖެހޭނީ ވެސް އެ ދަނޑިވަޅުގައި ކަމަށެވެ.

ނަމަވެސް ސުޕަ މެޖޯރިޓީ އޮވެ އެ ބަދަލު ގެންނަން ނުކެރުމުން "އަޖައިބު" ވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ސިޔާސީ މީހުންގެ މުސާރަ ބޮޑު ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށާއި ނަމަވެސް އެ ހާލަތު ރަނގަޅުވާ އިރަށް މި ބަދަލު ގެންނަން ތާއީދު ކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"މި ގައުމު ތަނެއް ނުދޭ ސިޔާސީ މީހުންގެ މުސާރަ ބޮޑު ކުރަން އެހެން ނަމަވެސް، މިއީ އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ތާއީދު ކުރާ ކަމެއް. އެކަން މި ދައުރުގައި ދެކޭނެ ކަމަށް ވެސް ގަބޫލު ކުރަން." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުގެ އިތުރުން އެ މައްސަލާގައި ވާހަކަ ދެއްކެވި ޕީއެންސީގެ އެހެން މެންބަރުންގެ ވިސްނުމަކީ ވެސް މިއީ އެވެ. 

މީކާއިލްގެ ހުށަހެޅުން

ގަރާރު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ އިތުރުވެފަ އެވެ. ނަމަވެސް ކުރާ މަސައްކަތާ އެއްވަރެއްގެ އުޖޫރައެއް ނުލިބުމުގެ އިތުރުން މުސާރަ އާއި އިނާޔަތްތައް އޮންނަނީ ހަމަހަމަ އުސޫލެއްގެ ތެރެއިން ވެސް ނޫނެވެ.

އެގޮތުން: 

  • 1.ރައީސްގެ މުސާރަ އެސްޖީގެ މުސާރަ އަށް ވުރެ ކުޑަ.
  • 2.ނައިބު ރައީސްގެ މުސާރަ އެގްޒެކެޓިވްގެ މުސާރަ އަށް ވުރެ ކުޑަ.
  • 3.ކައުންސިލް މެންބަރުންގެ މުސާރަ ބައެއް މުއައްޒަފުންގެ މުސާރަ އަށް ވުރެ ކުޑަ.
  • 4.އިތުރު ގަޑީގެ އިނާޔަތެއް ނޯވޭ.

"ރައްޔިތުން ސީދާ އިންތިހާބު ކުރާ ބައެއްގެ މުސާރަ އިދާރީ މުވައްޒަފުންނަށް ވުރެ ކުޑަވުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށް ވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލެވޭ." މީކާއިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަން ކުރައްވާ ތިއްބެވި ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންނަށް ވުރެ ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކެއްގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަވުމަކީ އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި ވެސް މީކާއިލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.