ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ހަދާނަމަ މިހާރަށް ވުރެ ފުރިހަމަ އިޖުރާއަތްތަކެއް ބިލުގައި ހިމަންނަ ޖެހޭ ކަމަށް ރައީސް ވިދާޅުވި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް ތަސްދީގު ނުކޮށް ފޮނުވާލި އެއް ސަބަބަކީ ގައިދީންނަށް ވެސް އެކަން ކުރެވޭ ގޮތަށް އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ބެހޭ ބިލް އަނބުރާ އަނބުރާ ފޮނުވާލައްވައި، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލް ފޮނުވި އިރު އެކަން ކުރެވޭނެ މީހުންގެ ޝަރުތެއްގެ ގޮތުގައި ކުށެއްގެ ތުހުމަތުގައި ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމަނާފައިވާ ކަމަށެވެ.
ސަބަބަކީ މަޖުބޫރު ކަމެއް ނެތި ރުހުމާއެކު ގުނަވަން ހަދިޔާ ކުރުމުގެ ޝަރުތަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގެންފައިވާ މައިގަނޑު އެއް ޝަރުތު ކަމަށާއި އެ ޝަރުތު އެންމެ ފުޅާ މިނުގައި ތަންފީޒު ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަމުން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމަށާއި އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އެއްވެސް ކަހަލަ މަޖުބޫރު ކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައިދީންނަށް [ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް] އެކަން ފަހި ކޮށްދީފައި އޮންނަ މަދު ގައުމުތަކުގައި ވެސް އެކަން ކުރަމުން ދަނީ އާންމު ހާލަތުގައި ބަލައި ކަށަވަރު ކުރަން ޖެހޭ ކަންކަމުގެ އިތުރުން އިތުރު ގިނަ ކަންކަން ފުރިހަމަވޭތޯ ބަލައި ކަށަވަރު ކުރުމަށް ފަހުގައި." ރައީސް ވިދާޅުވި އެވެ.
އެހެންވެ އެކަމާ ގުޅޭ ހާއްސަ އިޖުރާއަތްތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބިލުގައި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގައި ޑޮކްޓަރުންގެ ލަފާ ވެސް ހޯދަންޖެހެ އެވެ.