ޕޭޕަލް ގެނައުން | މިއީ ޒުވާނުން ބައިވެރިވާނެ އިގްތިސޯދީ ފޮރޮޅުމެއް

އުރީދޫ އެމްފައިސާއިން ޕޭޕަލްސް މެދުވެރިކޮށް ކޮށްދިން ކަމަކީ ބޭރުގައި ނުގެނެވި ހުރި ޒުވާން ހުނަރުވެރިންގެ ފައިސާ ރާއްޖޭގެ ނިޒާމުގެ ތެރެއަށް ވެއްވުމެވެ. އެކައުންޓްތަކުން ދިވެހި އާއިލާތަކަށް ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހެދުމެވެ.

މީގެ އަހަރެއްގެ ކުރި އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އަދި ރާއްޖޭގެ ފުރަތަމަ ޑެލިވަރީ ޕްރޮލެޓްފޯމް "ބަދިގެޑޮޓްކޮމް" އާއި މީގެ 15 އަހަރު ކުރިން ފިންޓެކްސް ޕްލެޓްފޯމް "ކައުރީ"  ހެދި މުހައްމަދު ބައްސާމް އާދަމް ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ދިވެހި ރިހާކުރުގެ ވާހަކަ ލިއުމެކެވެ. އޭގެ އިރުކޮޅެއް ނުވެ ބޭރުގެ މަޝްހޫރު ފަރާތަކުން އެދުނީ ރީހާކުރު ފުޅިއެއް އޭނާއަށް ފޮނުވާ ދިނުމަށެވެ. ނަމަވެސް ބައްސާމްގެ ބޮލުގެ ރިހުމަކަށްވީ އެ ފުޅި ފޮނުވިނަމަވެސް އެ ފުޅީގެ އަގު ލިބުމުގައި ރާއްޖޭގައި ހުރި ދަތިތަކެވެ. އޭނާ އެ ރިހާކުރު ފުޅި ބޭރަށް ފޮނުވި އެވެ. ނަމަވެސް އޭގެ އަގު ރާއްޖެ ގެނައުން ވެގެން ދިޔައީ އޭނާގެ އުފުލި ބޮޑު ބުރަ އަކަށެވެ. އެ ކުޑަ ރިހާކުރު ފުޅިއަށް ބޭރުން ކިޔަނީހީވެސް ނުކުރާވަރުގެ ބޮޑު އަގެކެވެ. މާލޭގައި ރިހާކުރު ފުޅިއެއް ހުރި އަގަށް ބަލާއިރު ފަސް ގުނަ ބޮޑު އަގެކެވެ. އެކަމަކު އެ ފުޅި ބޭރަށް ވިއްކިނަމަވެސް އެ ފައިސާ ރާއްޖެ ގެންނަން ހުރި މަގުތަކުގެ ތާށިކަން އިންތިހާއަށް ބޮޑެވެ. ނަމަވެސް މިއީ ޕޭޕަލް ފަދަ ޕްލެޓްފޯމް ތަކުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަތަށް ފައިސާ އަރާ ވަރުގެ ކުޑަކަމެކެވެ. 

ބައްސާމްއާ ހަމައިން މި ވާހަކަ ނިމުނީއެއް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި ފްރީލާންސްކޮށް މަސައްކަތް ކުރާ އެތައް ލައްކަ ބަޔަކު "ފައިވާ" ގައި ވެސް ދިވެހިން މަސައްކަތް ހިފައިގެން ވަދެ އެބަތިއްބެވެ. އަދި "އަޕްވޯކް" ގައިވެސް ދިވެހިން އުޅެ އެވެ. އަދި ދިވެހި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވެ ރާއްޖޭގެ އަޖައިބު ކުރުވަނިވި ފޮޓޯތައް ނަގައިގެން ދުނިޔެ އަށް ވިއްކާ ޒުވާނުން ބައިވަރެވެ. އަދި "ޒީރޯޑިގްރީއެޓޯލް" ގެ ވެރިންނާއި "މެޒޯ މޯޑް" ފަދަ ދިވެހިން ފަހުރުވެރިވި ދުނިޔެއަށް މަޝްހޫރު އެތައް އުފެއްދުމެއް ދޫކުރި މި ވަގުތު ދުނިޔޭގައި ނެތް އެތައް ހުނަރުވެރިންނެއް ވެސް އެ ދުވަހު މި ވާހަކަ ދެއްކި އެވެ. ނަަމަވެސް އިއްޔެއާ ހަމައަށް ވެސް ނުވެ އޮތީ ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް ހަމައަގު ނުލިބުމެވެ. އަމަލީ ގޮތުން ދިވެހިންނަށް މި އުފާ ލިބުމެވެ. އެކަމަށް ހުސްއަނގަ ތެޅުން ނޫންކަމެއް މިހާތަނަށް ނުކުރެ އެވެ. ޕޭޕަލްސް ގެންނަ ވާހަކަ ކިޔާތާ 15 އަހަރު ވެއްޖެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން މިކަމަށް ހާއްސަ އިސްކަމެއް ދެއްވި އެވެ. އެހެންވެ މިކަން ކުރެވޭން އޮތް އެންމެ ކުރުމަގު ސަރުކާރުން ހޯދި އެވެ. އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހަރަކާތެރިވާ ހަމައެކަނި މަލްޓިނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްގެ "އެމްފައިސާ" ގެ ޕްލެޓްފޯމްއާ ގުޅިގެން އެކަން ކުރުމެވެ.

"އަޅުގަނޑު މިހާރު ވެސް ހަނދާން ހުރޭ މި ހިދުމަތް ލައިވް ކުރުމުގެ ކުރިން ހަތަރު، ފަސް ފަހަރު ޓެސްޓިން ތަކެއް ކުރިއަށް ގެންދިޔަ. މި ޑިސްކަޝަންތަކުގައި [މިނިސްޓަރު ސައީދު] ތަކުރާރުކޮށް ދަންނަވަމުން ދިޔަ ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތަށް ޑޮލަރު ލިބުނޭ. އެކަމަށް ތަކުރާރުކޮށް ސަރުކާރުން ޔަގީންކުރި. މިއަދު މިވީ އެކަން،" އުރީދޫ މޯލްޑިވްސް ފިންޓެކް އަދި ޕާޓްނާޝިން، އަހުމަދު ނޫމާން ވިދާޅުވި އެވެ.

[މިނިސްޓަރު ސައީދު[ ތަކުރާރުކޮށް ދަންނަވަމުން ދިޔަ ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތަށް ޑޮލަރު ލިބުނޭ. އެކަމަށް ތަކުރާރުކޮށް ސަރުކާރުން ޔަގީންކުރި. މިއަދު މިވީ އެކަން

އުރީދޫ މޯލްޑިވްސް ފިންޓެކް އަދި ޕާޓްނާޝިން، އަހުމަދު ނޫމާން

ޕޭޕަލްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފައިނޭސިން ނިޒާމެވެ. ދުނިޔޭގެ 200 ގައުމުގައި ހިދުމަތް ދޭ ބައެކެވެ. އެހެންވެ މި ނިޒާމު ރާއްޖޭގެ ހަފޮޅުން އެތެރެ ކުރުމުގެ ކުރިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން މަރުކަޒީ ބޭންކުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެމްއެމްއޭ އިން އަވަސްކަމާއެކު ކަށަވަރުކުރަން އިސްކަމެއް ދިނެވ. ސަރުކާރުން ޕޭޕަލް ގެންނަން ކުރިން ކުރި މަސައްކަތުގެ އެޕްރޯޗް ބަދަލުކޮށް 6، ޖޫން 2024 ގައި މިނިސްޓަރު ސައީދު އިސްވެ ހުންނަވާ ސީދާ ޕޭޕަލްސްގެ ސީއީއޯ އަށް ސިޓީ އަކުން ޕޭޕަލްސް ގެންނަ ބޭނުން ކަމަށް ދެންނެވި އެވެ.

"ކުރިން އެކި ގައުމުތަކާއެކު ވެސް [ސަރުކާރުން] ދިޔައީ މަސައްކަތް ކުރަމުން. އެކަމަކު ހަމަ މާރަނގަޅު ކުރިއެރުމެއް ނުލިބުނު،" ޕޭޕަލްސް ގެނައުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޕޭޕަލް ރާއްޖެ އައުމަކީ ދިވެހި ޒުވާން މަސައްކަތްތެރިން މިހާތަނަށް ދެކެމުން ދިޔަ އެންމެ ބޮޑު ހުނަފެނުގައި ހަގީގީ ކުލަ ޖެހުމެވެ. މިކަން އެނގޭނީ މިދަތި ތަހަށްމަލް ކުރަމުންދާ މީހަަކަށެވެ. ބުރަ މަސައްކަތުން އެއްޗެއް ވިއްކުމަށްފަހު ލިބޭ އެންމެ ދެ ޑޮލަރަކީ ވެސް ބޮޑު އެއްޗެކެވެ. އަދި މިގޮތަށް ގައުމަށް ބޭރު ފައިސާ އެތެރެވުމަކީ ގައުމުގެ އިގްތިސޯދީ ދުޅަހެޔޮކަމަށް މި ވަގުތު އެންމެ މުހިންމު ކަމެވެ. ހާއްސަކޮށް މިއީ ޓޫރިޒަމްގައި ހަރަކާތެރިވާ ކުދި ވިޔަފާރިތަކަށް އޮތް ބޮޑު ފުރުސަތެކެވެ. މިސާލަަށް ކުޑަ އެންމެ ރަށެއް ކަމަށްވާ ކ. ގުޅި ނަގަމާ ހިނގާށެވެ.

ކުދި ވިޔަފާރިތަކަށް އިތުރު މަގެއް

ގުޅީގެ ގެސްޓުން އުޅޭ ސަރަހައްދުގައި އަންހެންނުން "ސުވެނިޔަ" ނުވަތަ ޓޫރިސްޓުންނަށް ހަނދާނީ ހަދިޔާ ވިއްކަ އެވެ. މިހާރު އެ މީހުންނަށް ވެސް ފަސޭހަކަމާއެކު އެކައުންޓަށް ޑޮލަރު ވަންނާނެ ގޮތް ފަހިވާނެ އެވެ. ސަބަަބަކީ ހުރިހާ ޓޫރިސްޓުންނަކީ ހާއްސަކޮށް ޒުވާން ޓޫރިސްޓުންނަކީ އަތަށް ނަގުދު ފައިސާ ލައިގެން ދަތުރު ކުރަން ބޭނުންވާ ބައެއް ނޫނެވެ. އެ މީހުންގެ ފައިސާ ހުންނަނީ އެ ގައުމުގެ ކަރަންސީން އެކައުންޓުތަކުގަ އެވެ. ބައެއް ޒުވާން ޓޫރިސްޓުންގެ އަތުގައި ހުންނަނީ "ޔޫއެސްޑީޓީ" ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ އެކެވެ. ނޫނީ އެހެން ނުފެންނަ ޑިޖިޓަސް ކަރަންސީ އެކެވެ. ޕޭޕަލްސް ރާއްޖެ ގައުމާއެކު "އެމް ފައިސާ" ގެ ކިއުއާރު ކޯޑު ސްކޭން ކޮށްލައިގެން އެ މީހުންނަށް ޕޭޕަލްސް މެދުވެރިކޮށް ބީއެމްއެލް ނުވަތަ އެހެން ބޭންކްއެއްގެ އެކައުންޓަށް އެ ފައިސާ ރިއަލައިޒް ކުރަން ފުރުސަތު ލިބޭނެ އެވެ. މިއީ ކުރުނބާ ވިއްކާ ގާޑިއާ އާއި ކުދި ކޮޓަރި ވިއްކާ ގެސްޓްހައުސް އަދި އަމިއްލަ ތަކެތި އުފައްދަން ގޭގައި ތިބި އުފެއްދުންތެރިންނަށް އޮތް ފުރުސަތެކެވެ. ސުވާލަކީ މިކަމަށް އުރީދޫން ޗާޖެއް ނަގާނެ ހެއްޔެވެ؟ ނުވަތަ ޕޭޕަލްސް އިން ނަގާނީ ކޮން ޗާޖެއް ހެއްޔެވެ؟

އުރީދޫ ސީއޯއޯ ހުސެއިން ނިޔާޒު ވިދާޅުވި ގޮތުގައި އުރީދޫން މި ވަގުތު އެއްވެސް ފީއެއް މިކަަމަށް ނުނަގާނެ އެވެ. ނަމަވެސް ޕޭޕަލް އިން ހުރިހާ ގައުމަކަށް ނަގާ ފީއެއް ރާއްޖެއަށްވެސް ނަގާނެ އެވެ.

ޕޭޕަލް އިން ދެ ބާވަރެއްގެ ފީއެއް ނަގަ އެވެ. އެއީ ކޮންމެ ޓްރާންސެކްޝަނަކުން ނަގާ ދެ ޕަސެންޓަކާއި ފިސްޑް ފީއެއްގެ ގޮތުގައި ނަގާ 1.5 ޑޮލަރެެވެ. މީގެ މާނައަކީ 100 ޑޮލަރުގެ އެއްޗެއް ވިއްކާފަ އެ ޑޮލަރު އެކައުންޓަށް ވަންނާނީ 96.5 ޑޮލަރު ލިބޭނެ އެވެ. މި ހިދުމަތް ހޯދާ ފަރާތްތަކުން ދެ އެކައުންޓެއް ހަދަން ޖެހެ އެވެ. އެއީ ޕޭޕަލްގައި ހަދާ އެކައުންޓުގެ އިތުރުން އުރީދޫ އެމްފައިސާގެ އެކައުންޓެކެވެ.މި ދެ އެކައުންޓުގެ ހުރިހާ މައުލޫމާތު ވެސް އެއްގޮތްވާން ޖެހެ އެވެ.

ޕޭޕަލްގެ މަރުހަލާތަކާއި ނަގާ ފީ

  •  ފުރަތަމަ އުރީދޫ އެމްފައިސާ އެކައުންޓެއް ހަދާ
  •  ދެވަނަ ހަމަ އެ ނަމުގައި ޕޭޕަލް އެކައުންޓެއް ހަދަން ޖެހޭ
  •  އެމްޕައިސާ އެޕްގައި ޕޭޕަލް ކާޑު ފެންނަން އިންނާނެ
  •  އުރީދޫން މި ވަގުތު އެއްވެސް ފީއެއް ނުނަގާނެ
  •  ޕޭޕަލް މެދުވެރިކޮށް ފައިސާ ދައްކާނަމަ އަންނާނީ އެމްފައިސާ ނިޒާމުން
  •  ބޭރުން އަންނަ ފައިސާ ޕޭޕަލް މެދުވެރިކޮށް އުރީދޫ ވޮލެޓުން ބީއެމްއެލް/ އެމްބައިބީ އެކައުންޓަށް ޖަމާވާނެ
  •  ޕޭޕަލް އެޕްގެ ހިދުމަތް ރާއްޖެއަކަށް ނުލިބޭނެ
  •  ޕޭޕަލްގެ ފީއަކީ 1.5 ޑޮލަރު އަދި ޓްރާންސެކްޝަނަކުން ދެ ޕަސެންޓް

ޕޭޕަލް ރާއްޖޭގެ ބޯޑަރުން އެތެރެވުމަކީ ދިވެހިން މިއަދު ފަހުރުވެރިވާން ޖެހޭ ކަމެކެވެ.ސަބަބަކީ މި ސަރަހަދުން ޕޭޕަލް މެދުވެރިކޮށް ފައިސާ ރިސީވް ވަނީ ހަމައެކަނި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދު ކަމަށްވާ އިންޑިއާ އެހެން ގައުމެއް އެކަންޏެވެ. ލަންކާ އިން ވެސް މިކަމަށް މަސައްކަތް ކުރިނަމަވެސް އެ ސިސްޓަމް އަދިވެސް ފުރިހަމައެއް ނުވެ އެވެ. އަދި އިވެނީ ފޮނި ސުރުހީ ތަކެކެވެ.

ޕޭޕަލްގެ ދުނިޔެއަކީ އެތަށް ހިދުމަތެއް ހިމެނޭ ނިޒާމެކެވެ. އެހެންވެ ފުރަތަމަ ފައިސާ ނެގޭނެ ހިދުމަތް ތައާރަފު ކުރިނަމަވެސް މިއީ ދުނިޔޭގެ ބާޒާރަށް މުދަލާއެކު ދިވެހިން ވަންނަން ހުޅުވޭނެ މަގެކެވެ. މިއީ އީޖާދީ ޒުވާން ވިޔަފާރިވެރިން ބައިވެރިވާނެ އިގްތިސޯދީ ފޮރޮޅުމަކަށްވާނެ އެވެ. އެކަން މީގެ އަހަރުތަކެއްގެ ފަހުން އިގްތިސޯދުން ފެންނަން ފަށާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.