ގުނަވަން ޓްރާންސްޕްލާންޓު ނުކުރެވި އެތައް ބަޔަކު ތިބިއިރު، އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމަކީ، މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީ ފެއިލްވުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ތަސްދީގު ނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވައިލެއްވުމުން، މަޖިލީހުން ރަނގަޅަށް ދިރާސާނުކޮށް ބިލުތައް ފާސްކުރާކަމުގެ ތުހުމަތުތަކާ އެކު މަޖިލިސް ހޫނުވެއްޖެ އެވެ.
ރައީސް އަނބުރާ ފޮނުވައިލެއްވި ބިލާ ގުޅުވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، އެ ބިލު މަޖިލީހުން ފާސްކުރުމާ ދޭތެރޭގައި ހަތް މަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށެވެ.
އެ މުއްދަތުގައި ގުނަވަން ޓްރާންސްޕްލާންޓު ނުކުރެވި އެތައް ބަޔަކު ތިބިއިރު، އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމަކީ، މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީ ފެއިލްވުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ރާއްޖޭގައި އެބަތިބި ކިޑްނީގެ ޑައިލަސިސް ހަދާ 300 މީހުން. ކޮންމެ ދުވަހަކު ތެދުވެ މި ބުނަނީ ރައްޔިތުންގެ އިހުސާސްތައް އެނގެއޭ، އޭއްޗެކޭ މީއްޗެކޭ. އެކަމެއް ނުވިއެއް ނޫންތޯ،" ކުޑޫ ވިދާޅުވި އެވެ.
ކުޑޫގެ އިތުރުން އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވަނީ މަޖިލީހަށް ފޮނުވާ ބިލުތައް ސަރުކާރުން ރަނގަޅަށް ޑްރާފްޓް ކުރުމާއި ދިރާސާކުރުމުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެއާ އެކު، ޕީއެންސީގެ މެމްބަރުން ވަނީ އަޑުހަރުކޮށް، އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި، ސަރުކާރާއި ރައީސް ދިފާއުކުރައްވައިފަ އެވެ.
ބިލު އަނބުރާ ފޮނުވައިލައްވައި، ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ގައިދީންނަށް ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބަޔެއް ކަމުގައިވާއިރު އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަކަށް ނުފެނޭ،" މަޖިލީހަށް އިއްވި ރައީސްގެ ސިޓީގައި ބުނެފައިވެ އެވެ.
މި ބިލުގެ ތެރެއިން ޓްރާންސްޕްލާންޓު ކުރުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީ މަގުސަދެއް ކަމަށް ބުނެފައި ވެ އެވެ.
މި ބިލުން ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭއިރު، ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތައް:
އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން
ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވުން
ގުނަވަން ހަދިޔާ ކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށްވުން
އެ ބިލުގައި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގައި ޑޮކްޓަރުންގެ ލަފާ ވެސް ހޯދަންޖެހެ އެވެ.