އެމްޑީޕީން ބުނީ މުޒާހަރާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ކަމަށެވެ. އަދި "ޖޮބް ބުރާސްފަތި" ގެ ނަމުގައި ހިންގާ މި މުޒާހަރާގެ ޕޯސްޓާ އިވެންޓް މިއަދު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގެއިން ފަށާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގެ ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.
އެ ނިންމުން ނިންމީ، އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ.
ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެން، ނަޝީދުގެ ރިޔާސަތުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެ ގަރާރު ފާސްކޮށްފައިވަނީ 52 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މައިގަނޑު ތިން ތުހުމަތެއް ކޮށްފަ އެވެ.
އޭގެތެރެއިން އެއް ތުހުމަތަކީ ކުރީ ސަރުކާރުން ގެންދިޔަ މީހުން ދިރިއުޅޭ ރަށްރަށުގައި "ބާރަށް ކުރިއަށް" ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، އެ މަޝްރޫއުތައް މި ސަރުކާރުން މަޑުޖައްސާފައި ބޭއްވުމެވެ.
އަދި ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ތިންވަނަ ތުހުމަތެއްގެ ގޮތުގައި އޮތީ، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލުމެވެ.
އެމްޑީޕީން ބުނީ މުޒާހަރާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ކަމަށެވެ. އަދި "ޖޮބް ބުރާސްފަތި" ގެ ނަމުގައި ހިންގާ މި މުޒާހަރާގެ ޕޯސްޓާ އިވެންޓް މިއަދު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގެއިން ފަށާނެ ކަމަށެވެ.