ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ މިންވަރު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެސްޑީއެފްގެ ޖަމާހުރި 934.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ނުވަތަ ފަހަށް ފައިސާ ރައްކާކުރާ ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ، ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ މިންވަރު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެސްޑީއެފްގެ ޖަމާހުރި 934.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
މި އަހަރު އެސްޑީއެފްއަށް ޖަމާކުރަން ބަޖެޓުކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފްއަށް ފައިސާ ޖަމާކުރަމުންދާއިރު، ސަރުކާރުން މި އަހަރު ދެއްކި 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމުގައި ވެސް އެސްޑީއެފް އިން ފައިސާ ނަގާފައިވެ އެވެ.
މި ފަންޑު އުފެއްދެވީ 2017 ވަނަ އަހަރު އެވެ. މިއީ މައިގަނޑު ގޮތެއްގައި ދައުލަތުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށާއި ދަރަނި ދެއްކުން އަދި ގައުމީ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ފަންޑެކެވެ. އެސްޑީއެފް އަށް މައިގަނޑު ގޮތެއްގައި ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓުންދޭ އެހެނިހެން ހިދުމަތްތަކުގެ އަގަށް ގެެނެވުނު ބަދަލުތަކުން ލިބޭ ފައިސާއިންނެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުންނާއި ދައުލަތުގެ ކުންފުނިތަކުންދޭ ޑިވިޑެންޑްގެ ވަކި އިންސައްތައެއްވެސް މި ފަންޑަށް ޖަމާކުރެވެއެވެ.