ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ގައުމުގެ މަސްލަހަތު އިސްކުރޭ: ރައީސް

"މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި ދިރުވަން އެބަޖެހޭ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު --ފޮޓޯ: ރައީސް އޮފީސް

ހިޖުރީ ގޮތުން އާ އަހަރެއް ފެށޭއިރު، ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާހަރާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އެންމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމަށެވެ.

"މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި ދިރުވަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމަށެވެ. 

"އެހެންކަމުން، މިއަދު އަޅުގަނޑުމެންވެސް އަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް،" ރައީސްގެ ހިތޯބުގައިވެ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަހުލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އެންމެ ބޮޑު ބާރު ކަމަށެވެ.

"މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް. އެ ޔަގީންކަން މި މުނާސަބަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު ނިންމަވައިލެއްވީ އާ އަހަރުގެ ތަހުނިޔާ ދިވެހިންނަށާއި މުސްލިމް އުއްމަތަށް ފޮނުއްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.