ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ، އެ ދެ ބޭފުޅުން ތައުލީމާއި ތަޖުރިބާއަށް ރިއާއަތްކޮށް، އިންޓިވިއު ކުރުމަކާ ނުލައި އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަކަމަށް ނިންމައިފަ އެވެ.

ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރާއްޖޭން ގަތަރަށް ކަނޑައަޅާ ސަފީރުކަމަށް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ތޯރިގާއި އާދަމް ޝަރީފަކީ މި ސަރުކާރުން ފުރަތަމަ އެކުލަވައިލި 22 މިނިސްޓަރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް މިދިޔަ މަހު އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަށް މަގާމުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އެ ދެ ބޭފުޅުން ހިމެނެ އެވެ.
އޭގެފަހުން، އެ ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.
އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އަދި ތޯރިގު ޔޫއޭއީގެ ސަފީރަކަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ، އެ ދެ ބޭފުޅުން ތައުލީމާއި ތަޖުރިބާއަށް ރިއާއަތްކޮށް، އިންޓިވިއު ކުރުމަކާ ނުލައި އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަކަމަށް ނިންމައިފަ އެވެ.
އެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަނުކުރަން ރުހުން ދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ތޯރިގު ސަފީރުކަމަށް އައްޔަނުކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވި އިރު، އާދަމް ޝަރީފް އައްޔަނުކުރުމާ ދެކޮޅަށް 9 މެމްބަރަކު ވޯޓު ދެއްވި އެވެ.
ޔޫއޭއީގެ ސަފީރުކަމުގެ މަގާމު ހުސްވީ، އެ ގައުމުގައި ސަފީރަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް ކުއްލި ގޮތަކަށް ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަނުކުރެއްވުމުންނެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވާފައިވިޔަސް، އެ ގައުމަށް މިހާތަނަށް ސަފީރަކު އައްޔަނުކޮށްފައެއް ނުވެ އެވެ.