(ޔޫއެންޕީ) ގެ ވޯކިން ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ މިހާރުގެ ސަރުކާރު އޮތީ ހުރިހާ ފަރާތަކުން ވެސް ތާށިވެފައި ކަމަށެވެ.

ސްރީލަންކާގެ އިގްތިސާދު މިހާރު ވެއްޓެން ފަށާފައިވާ ކަމަށާއި، ނުހަނު އަވަހަށް މުޅި އިގްތިސާދު އެއްކޮށް އިނދަޖެހިގެންދާ މަންޒަރު ފެންނާނެ ކަމަށް އެގައުމުގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ވޯކިން ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ މިހާރުގެ ސަރުކާރު އޮތީ ހުރިހާ ފަރާތަކުން ވެސް ތާށިވެފައި ކަމަށެވެ. އެގޮތުން އެއްކޮޅުން އިގްތިސާދީ ހީނަރުކަން ކުރިމަތިވަމުންދާއިރު، އަނެއްކޮޅުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ކުރީގެ ސިފައިންގެ މީހުންނަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ތަން. ލަންކާގެ އިގްތިސާދު އެއްކޮށް އިނދަޖެހިގެންދާ މަންޒަރުވެސް މާލަސްތަކެއް ނުވެ ފެންނާނެ،" ވިކްރަމަސިންހަ ވިދާޅުވިއެވެ.
މީގެ އިތުރުން، ސްރީލަންކާގެ ސްޓޭޓް އިންޓެލިޖަންސް ސާވިސަސް (އެސްއައިއެސް) ގެ ކުރީގެ ވެރިޔާ ސުރޭޝް ސައްލޭ ހައްޔަރުކުރުމާ ގުޅިގެންނާއި އޭނާއާ މެދު އަމަލުކުރަމުންދާ ގޮތާ ބެހޭގޮތުންވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ކުރީގެ ރައީސް ފާހަގަކުރެއްވިއެވެ.
އިދިކޮޅު ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިކްރަމަސިންހަ ބާރުއެޅުއްވީ އިދިކޮޅު ޕާޓީތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރަން ޖެހޭ ކަމަށެވެ. ބައެއް އިދިކޮޅު ޕާޓީތައް ގުޅިގެން "ޖޮއިންޓް އޮޕޮޒިޝަން" އެއް އުފައްދާފައިވީ ނަމަވެސް، މި އިއްތިހާދު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އިއްތިހާދު ބޮޑުކުރުމަށްޓަކައި މިހާރުވެސް އެހެން ގިނަ ޕާޓީތަކަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ.