ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އިގުތިސާދުގެ ހިއްސާކަމުގައި ހެދުމެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމާއެކު، ކްރިއޭޓިވް މަސައްކަތް ކުރާ ޒުވާނުންނަށް ޑޮލަރު އެކައުންޓެއް ހުޅުވައިގެން ބޭރުން ޑޮލަރު ގެނެސް ނެގޭ ގޮތް ވެއްޖެ އެވެ.
ކްރިއޭޓިވް އިކޮނޮމީގެ ބޮޑު މި ބަދަލު ރާއްޖޭގައި ތައާރަފުކޮށްދެއްވީ ބާސެލާސް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މި ހިދުމަތް ތައާރަފު ކުރާ އުރީދޫ މޯލްޑިވްސްގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ.
ޕޭޕަލް ތައާރަފުކުރާ މޮޑެލް - ސަރުކާރުން ޕޭޕަލް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ޕޭޕަލް ސީދާ ވައްދަން އުޅުމުގެ ބަދަލުގައި މުވާސަލާތީ ކުންފުންޏެއް މެދުވެރިކޮށް ހިންގާ "ޕްރޮކްސީ" މޮޑެލް އަކަށެވެ. މި މޮޑެލްގެ ދަށުން، އުރީދޫ ފިންޓެކް މޯލްޑިވްސްގެ ދަށުން ހިންގާ 'ޓެކްފިން މޯލްޑިވްސް' އަށް އެމްއެމްއޭއިން ވަނީ ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ދޫކޮށްފައެވެ.
މި ބަދަލުގެ ސަބަބުން، ރާއްޖޭގެ ކުޑަ މާކެޓް ސައިޒާއި، ކޮމްޕްލަޔަންސް ހަރަދުތަކާއި އަދި ބޭރު ފައިސާގެ ތަދިކަމުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ އެވެ. މި ނިޒާމުގެ ދަށުން، ކަސްޓަމަރުންގެ ޕޭޕަލް އެކައުންޓްތައް އުރީދޫގެ 'އެމް-ފައިސާ' ޑިޖިޓަލް ވޮލެޓާ ގުޅާލެވޭނެ އެވެ. އެމް-ފައިސާގެ އައު މާލީ އޮނިގަނޑުގައި ތިން ވޮލެޓެއް ހިމެނެ އެވެ. އެއީ ޑޮމެސްޓިކް ޕޮކެޓާއި ދިވެހި ރުފިޔާއިން ހިންގާ މި ޕޮކެޓް ރާއްޖޭގެ އެތެރޭގެ ބިލްތަކާއި މުއާމަލާތްތަކަށް ހާއްސަ ޕޮކެޓެކެވެ.
މީގެ އިތުރުން އައިއެމްޓީ ޕޮކެޓް ޕޮކެޓްއަކީ ބައިނަލްއަގުވާމީ ފައިސާ ފޮނުވާ ބޭނުންކުރާ ޕޮކެޓެކެވެ. އަދި ޑިޖިޓަލް މަނީ ޔޫއެސްޑީ ޕޮކެޓެއް ވެސް ހިމެނެ އެވެ. ބޭރުން ލިބޭ ޑޮލަރު އެމް-ފައިސާ ވޮލެޓަށް ޖަމާވާއިރު، އެ ފައިސާ ކޭޝް-އައުޓް ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިންނެވެ. މިގޮތުން ބޭނުންކުރާނީ ރަސްމީ ބޭންކް އެކްސްޗޭންޖް ރޭޓް ކަމަށްވާ އެއް ޑޮލަރަކަށް 15.42ރ. އެވެ. މި މެކޭނިޒަމަކީ ރާއްޖޭގައި ހުރި ބޭރު ފައިސާގެ ތަދިކަމާއި ކަރަންސީ ކޮންޓްރޯލްތަކަށް އިޖާބަދިނުމުގެ ގޮތުން ފަރުމާކުރެވިފައިވާ ހަރުދަނާ ނިޒާމެކެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަކީ ޓޫޒަމާއި މަސްވެރިކަމަށް ބޮޑަށް ބަރޯސާވެފައިވާ އިގްތިސާދީ ލޮޅުންތަކަށް ނާޒުކު ބާޒާރެކެވެ. ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަށްވުރެ ގިނައީ 15 އަދި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ނަމަވެސް، ޒުވާނުންގެ ވަޒީފާނެތް ނިސްބަތް ހުރީ 16.1 ޕަސެންޓް ގައެވެ. މީގެ އިތުރުން، އަންހެނުން ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ނިސްބަތް 39.9 ޕަސެންޓްގައި ހުރުމާއެކު އިގުތިސާދީ ގޮތުން ނުރަސްމީ ވަޒީފާތަކުގައި އުޅޭ ނިސްބަތް 40 ޕަސެންޓަށް އަރަ އެވެ.
ދައުލަތުގެ ބަޖެޓް ޑެފިސިޓް 12.3 ޕަސެންޓްގައި ހުރުމުގެ ސަބަބުން، ވަޒީފާގެ އައު ފުރުސަތުތައް އުފެއްދުމަށް ސަރުކާރުން ބޭނުންވަނީ ޑިޖިޓަލް އިގުތިސޯދުގެ އެހީތެރިކަމެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އިގުތިސާދުގެ ހިއްސާކަމުގައި ހެދުމެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ 24 މިލިއަން ޑޮލަރުގެ ސެއިލްސް ޕްރޮޖެކްޓް ފަދަ މަޝްރޫއުތައް މެދުވެރިކޮށް، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ފްރީލާންސަރުންނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޕޭޕަލްގެ ހިދުމަތް ތައާރަފުވުމަކީ މި ފަރާތްތަކަށް ބައިނަލްއަގުވާމީ މާކެޓްތަކަށް ވަދެ، ފަސޭހަކަމާއެކު އާމްދަނީ ހޯދުމަށް ހުޅުވޭ ދޮރަކަށްވާނެ އެވެ.