ހަނގުރާމަ އާ ގުޅިގެން މަޝްރޫއުތައް މަޑުޖެހުން ކަމުގައިވީ ނަމަވެސް ދެން ފެންނާނީ ސްޕީޑް އަވަސްވަމުންދާ މަންޒަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި 2645 މަޝްރޫއެއް ކުރިޔަށް ގެންދާނެ ގޮތް ކެބިނެޓުން މިއަދު ނިންމާފައިވާ ކަމަށާއި މަޝްރޫއުތަކުގެ ސްޕީޑް އަވަސް ވެގެންދާ ތަން ވެސް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލް ޕީއެންސީ އަށް ކާމިޔާބުވުމުގެ މުނާސަބަތުގައި މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ބައެއް ތަރައްގީގެ މަޝްރޫއުތައް މަޑު ޖެހުނު ކަމަށާއި ކޮންސްޓްރަކްޝަން ސާމާނު ލިބުން ދަތިވުން ފަދަ ކަންކަން ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް ދިމާވި ކަމަށެވެ.
ނަމަވެސް މިހާރު އެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތަނުގައި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ދާތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ވާނީ ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކުގެ ތަރުތީބު ކަނޑައަޅާ ނިންމާފައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓުން މިއަދު ނިންމީ ކުރިޔަށް އޮތް ދުވަސްތަކުގައި 2645 މަޝްރޫއެއް ގެންދާނެ ގޮތެވެ. އެގޮތުން މި އަހަރު ގެންދާނީ ކޮން މަޝްރޫއުތަކެއްތޯ އާއި އަންނަ އަހަރަށް އިސްކަން ދޭނީ ކޮން ކަންތައްތަކެއް ކަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހުރިހާ މަޝްރޫއެއް ސަރުކާރުން ކުރިޔަށް ގެންދާނީ ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.