އީލޮން މަސްކް އައިޕީއޯއާއެކު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް

ބްލޫމްބާގް ރިޗް ލިސްޓުން ދައްކާގޮތުގައި މަސްކްގެ މިހާރުގެ ޖުމްލަ މިލްކިއްޔާތު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް (828 ބިލިއަން އިނގިރޭސި ޕައުންޑަށް) އަރާފަ އެވެ.

އިލޮން މަސްކް : މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ -- ރޮއިޓާސް

ދުނިޔޭގެ ތާރީހުގައި މިހާތަނަށް ހިއްސާގެ ބާޒާރަށް ނެރުނު އެންމެ ބޮޑު އައިޕީއޯ އާއެކު، އީލޮން މަސްކްގެ ރޮކެޓް ކުންފުނި "ސްޕޭސްއެކްސް" އެމެރިކާގެ ހިއްސާގެ ބާޒާރު ނާސްޑެކް އެކްސްޗޭންޖުގައި ލިސްޓުކޮށް، މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރުގެ މަގާމު ހޯދައިފި އެވެ.

މި ތާރީހީ ކުރިއެރުމާއެކު، ބްލޫމްބާގް ރިޗް ލިސްޓުން ދައްކާގޮތުގައި މަސްކްގެ މިހާރުގެ ޖުމްލަ މިލްކިއްޔާތު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް (828 ބިލިއަން އިނގިރޭސި ޕައުންޑަށް) އަރާފަ އެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އިތުރަށް ވަރުގަދަކޮށްފަ އެވެ.

ރޮކެޓް އުފެއްދުމާއި، މުވާސަލާތީ ހިދުމަތް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ސްޕޭސްއެކްސް ބާޒާރަށް ނެރުނީ 2.2 ޓްރިލިއަން ޑޮލަރުގެ އަގަކާއެކު އެވެ. ކުންފުނިން ފުރަތަމަ ހިއްސާއެއް ވިއްކުމަށް ކަނޑައެޅީ 135 ޑޮލަރަށެވެ. ނަމަވެސް، ހިއްސާގެ ބާޒާރު ހުޅުވުމާއެކު އިންވެސްޓަރުންގެ ބޮޑު ތަރުހީބަކާއެކު ވިޔަފާރި ފެށުނީ 150 ޑޮލަރުންނެވެ. އަދި ވިޔަފާރީގެ ތެރޭގައި ހިއްސާގެ އަގު ވަގުތީގޮތުން 176.50 ޑޮލަރަށް ވެސް އެރި އެވެ. އަދި ހުކުރު ދުވަހު ބާޒާރު ބަންދުވިއިރު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ހުރީ 161 ޑޮލަރުގަ އެވެ.

އާންމުކޮށް ބާޒާރަށް ހިއްސާ ނެރުމުގެ ކުރިން، އިންވެސްޓަރުންނާއި ބޭންކުތައް މެދުވެރިކޮށް ސްޕޭސްއެކްސް އިން ވަނީ 75 ބިލިއަން ޑޮލަރުގެ ކެޕިޓަލް ހޯދާފައެވެ.

ސްޕޭސްއެކްސްގެ 42 އިންސައްތަ ހިއްސާ އޮންނަނީ ސީދާ އީލޮން މަސްކްގެ އަތުގަ އެވެ. މިއީ ކުންފުނީގެ ހުރިހާ ނިންމުންތަކެއް އެއްވެސް ހުރަހެއްނެތި ނިންމުމުގެ ބާރު އޭނާއަށް ލިބިދޭ މިންވަރެކެވެ. މީގެ މާނައަކީ ކުންފުންޏަށް އިންވެސްޓްކުރާ ފައިސާ އޭނާ ބޭނުން ގޮތަކަށް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮތުމެވެ.

ބްލޫމްބާގްގެ ހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހު ބާޒާރު ބަންދުވިއިރު މަސްކްގެ ސްޕޭސްއެކްސް ހިއްސާގެ އަގު އެކަނިވެސް 767.1 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން ސްޕޭސްއެކްސްގެ އޮޕްޝަންސްގެ ގޮތުގައި 53.8 ބިލިއަން ޑޮލަރު އޭނާގެ އެބައޮތެވެ.

މަސްކްގެ މިލްކިއްުޔާތު އަދި ވިޔަފާރިތައް

  •  ސްޕޭސްއެކްސް ހިއްސާ: 767.1 ބިލިއަން ޑޮލަރު
  •  ސްޕޭސްއެކްސް އޮޕްޝަންސް: 53.8 ބިލިއަން ޑޮލަރު
  •  ޓެސްލާ ހިއްސާ: 168 ބިލިއަން ޑޮލަރު
  •  ޓެސްލާ އޮޕްޝަންސް: 116.4 ބިލިއަން ޑޮލަރު

އެމެރިކާގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މަސްރަހަށް ބަލާއިރު، އީލޮން މަސްކަކީ މިހާރު އެ ގައުމުގައި ހުރި އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ބާރެކެވެ. އޭނާގެ ނުފޫޒު ހަމައެކަނި ވިޔަފާރީގެ ދާއިރާއަށް ވުރެ މާ ފުޅާވެ، ސަރުކާރުގެ އެންމެ މަތީ ފަންތިއާ ހަމައަށް ވަނީ ފެތުރިފައެވެ. އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ވެރިކަމާއެކު، މަސްކުގެ ސިޔާސީ ނުފޫޒު ވަނީ އިންތިހާ އަށް ވަރުގަދަވެފައެވެ. ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ (ޑިޖް) އެމެރިކާ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ބިއުރޯކްރަސީ ނައްތާލުމަށް އުފެއްދި ހާއްސަ އިދާރާގެ އެއް އިސްވެރިއަކީ މަސްކެވެ. މިއާއެކު، ސަރުކާރުގެ މުއައްސަސާތައް ހިންގާ ގޮތަށް ބަދަލުތައް ގެނައުމުގެ ސީދާ ބާރު އޭނާ އަށް ދިނެވެ. އެމެރިކާގެ އިންތިޚާބުތަކުގައި ރިޕަބްލިކަން ޕާޓީއަށާއި ކެންޑިޑޭޓުންނަށް މިލިއަނުން ޑޮލަރު ހަރަދުކޮށް، ސިޔާސީ ގޮތުން ގޮތް ކިޔުމުގެ ބާރު އޭނާ ވަނީ ހޯދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.