ޓޫރިޒަމާ ގުޅުންހުރި އާމްދަނީ ދަށަށް | ދައުލަތުގެ އާމްދަނީއަށް އަސަރު

މީރާއަށް މެއިމަހު ޖުމްލަ 2.05 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު 2.18 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.8 % ގެ ދަށްވުމެކެވެ.

ރާއްޖެއަށް މިއަދު އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މަދުވެ، މިއަހަރުގެ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ އަށް ހީނަރުކަން އަތުވެއްޖެ އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މެއި މަހު މީރާއަށް ޖުމްލަ 2.05 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ހިމެނޭ 88.54 މިލިއަން ޔޫއެސް ޑޮލަރުވެސް ހިމެނެއެވެ. މިއީ މިއަހަރުގެ މެއި މަހަށް ލަފާކުރި ބަޖެޓަށްވުރެ 0.3 ޕަސެންޓްގެ ދަށްވުމެކެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު 2.18 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.8 ޕަސެންޓްގެ ދަށްވުމެކެވެ.

މީރާ އިން ފާހަގަކޮށްފައިވާ ގޮތުގައި އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމާ ގުޅުންހުރި ދާއިރާތަކުން ލިބުނު ފައިސާ މަދުވުމެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި ވަރަށްވުރެ 4.4 ޕަސެންޓް ދަށަށް ގޮސްފައިވެއެވެ. އަދި މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 24.4 ޕަސެންޓްގެ ބޮޑު ދަށްވުމެކެވެ.

އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރި ދާއިރާތައް

  •  ޖީއެސްޓީ - 56.3 ޕަސެންޓް (1,154 މިލިއަން ރުފިޔާ)
  •  އިންކަމް ޓެކްސް - 11.4 ޕަސެންޓް (234 މިލިއަން ރުފިޔާ)
  •  އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 7.7 ޕަސެންޓް (158 މިލިއަން ރުފިޔާ)
  •  ޑިޕާޗާ ޓެކްސް - 7.6 ޕަސެންޓް (156 މިލިއަން ރުފިޔާ)
  •  ގްރީން ޓެކްސް - 6.8 ޕަސެންޓް (139 މިލިއަން ރުފިޔާ)

ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ 19.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ ތެރޭގައި ޖީޖީއެސްޓީ ޓޫރިޒަމް ޓެކްސް އާއި ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ ހިމެނެ އެވެ. އަދި އެކްސްޕެޓްރިއަޓް ކޯޓާ ފީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މެއި މަހު ވަނީ ދަށަށް ގޮސްފަ އެވެ.

އާމްދަނީ ދަށަށް ދިޔަ ނަމަވެސް، މީރާއިން ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކުގެ ސަބަބުން ބޮޑު އަދަދެއްގެ ފައިސާ ވަނީ ދައުލަތަށް ހޯދިފައެވެ. މެއި މަހުގެ ޖުމްލަ އާމްދަނީގެ 13.8 ޕަސެންޓް، ސުންގަޑި ހަމަވެފައިވާ ފައިސާގެ ގޮތުގައި ބަލައިގަތް ފައިސާ އެވެ. އަދި ބާކީ ހުރި ފައިސާ ހޯދުމަށް ހިންގި ހާއްސަ އިނިޝިއޭޓިވްތަކުގެ އެހީގައި 21.9 ޕަސެންޓްގެ އާމްދަނީ ކަށަވަރު ކުރެވުނެވެ. މީރާގެ އެންފޯސްމަންޓް ސިޔާސަތުގެ ދަށުން ޖުމްލަ 382 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި 'ޑަނިންގް' މަރުހަލާގެ ދަށުން 242.13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް ޕްލޭންތަކުގެ އެހީގައި 58.98 މިލިއަން ރުފިޔާ ހޯދާފައިވާކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.