"މިކޯހުން އެކި ވަނަތަށް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް މަރުހަބާ ދަންނަވަން. އަދި ސިފައިންގެ މަތިވެރި ހިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން،" ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ދިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ފަށާފައިވާ ވަތަނީ ހިދުމަތުގެ ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވައިލި ފުރުސަތުގައި، ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ.
"މިކޯހުން އެކި ވަނަތަށް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް މަރުހަބާ ދަންނަވަން. އަދި ސިފައިންގެ މަތިވެރި ހިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން،" ރައީސް ވިދާޅުވި އެވެ.
ވަތަނީ ހިދުމަތުގެ އިނީޝަލް ތަންރީނުގެ ފުރަތަމަ ބެޗުގައި 340 ދަރިވަރުން ބައިވެރިވި އެވެ. އޭގެތެރެއިން 63 ދަރިވަރަކު ވަނީ ފަންނީ ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.
މި ހިދުމަތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.