މިހާރުގެ ބާޒާރުގެ ހާލަތަށް ބަލާއިރު، މަނިޔަފަރު ފަޅުގެ ސައިޒުގެ، ރިސޯޓެއް ހެދުމުގެ ހުއްދަ އޮތް ފަޅެއްގެ 'ލީސްހޯލްޑް ރައިޓްސް' ބަދަލުކުރާނަމަ އޯޕަން މާކެޓްގައި މީގެ އަގު އުޅޭނީ 25-15 މިލިއަން ޑޮލަރަށެވެ.

މާލެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ގެންދާ މަނިޔަފަރު ގާތްގަނޑަކަށް 25-15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 230 މިލިއަން ރުފިޔާއާއި 380 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ރިސޯޓް ވިއްކާލުމުގެ ގާނޫނީ މަރުހަލާ ފުރިހަމަ ކުރުމަށް "ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވޭތޯ ބެލުމަށް" އިއުލާނުކޮށްފަ އެވެ. މަނިޔަފަޅަކީ 2016 ވަނަ އަހަރު ޓޫރިޒަމް ތަރައްގީ ކުރަން ދޫކުރި ފަޅެކެވެ. މި ފަޅު ދޫކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ލިޔެކިއުންތަކުން އެނގެން އޮތީ އެބޮނީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިއުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މި ވުޒާރާ އަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަން އެދިފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުން އެބޮނީ ކުންފުނި ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވަނީ ރަވިންދްރަ ކުމާރު ޗޯޕްރާ ކިޔާ މީހެއްގެ ނަމުގަ އެވެ. އަދި 2023 ވަނަ އަހަރު މި ކުންފުނީގެ ހިއްސާ 12، ޖެނުއަރީގައި އަތިއްތިޔަ ޗޯޕްރާ ކިޔާ މީހަކަށް ބަދަލުކޮށްފައިވެ އެވެ. އަދި މި ކުންފުނީގެ ރަސްމީ މުއާމަލާތްތަކުތައި އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރުގައި އަހުމަދު ޝިހާބް ކިޔާ ދިވެއްސަކު ހަރަކާތްތެރިވެފައިވެ އެވެ.

މި ރިސޯޓް ތަރައްގީ ކުރަން ހަދާފައިވާ ބައެއް ސާވޭތައް ދައްކާ ގޮތުން މި ފަޅުގައި ގާތްގަނޑަކަށް 110 އާއި 160 އާ ދެމެދުގެ އަދަދަކަށް (އަތިރިމަތީ އަދި މޫދު ކޮޓަރި ހިމެނޭހެން) ލަގްޒަރީ ވިލާތައް ތަރައްގީކުރުމަށް ވަނީ ރޭވިފައިވާކަން އެނގެ އެވެ. އަދ މި ފަޅުގައި މަނިޔަ ރިސޯޓްގެ ނަމުގައި ދަނީ ރިސޯޓް ތަރައްގީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ރިސޯޓް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި 'ރީތި ބީޗް' އަދި 'ރީތި ފާރު' ރިސޯޓް ހިންގަމުން އަންނަ މަހޯގެނީ ކުންފުނީގެ ގެ ބައިވެރިވުމާއި މެނޭޖްމަންޓް ހިމެނޭ ގޮތަށް "މަނިޔަފަރު ރިސޯޓް" ގެ ނަމުގައި ހުޅުވުމަށް އެކި ފަހަރުމަތިން ތާވަލުކުރެވި، މަސައްކަތްތައް ކުރިއަށް ގޮސްފައިވެ އެވެ. އަދި އޯވަ ވޯޓާ ސްޕާ އަކާއި ލެގޫން ރެސްޓޯރެންޓްތަކެއް މި ރިސޯޓުގައި ހިމެނުމަށް ވަނީ ޕްލޭންކޮށްފައިވެ އެވެ.
ރިސޯޓެއް ތަރައްގީ ކުރަމުންދާ މި ފަޅު ވިއްކާލި ސީދާ އަގެއް އެނގޭނެ ރަސްމީ ލިޔުމެއް ފެންނަން ނެތްނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މާލެ އަތޮޅުގައި އަގު ހުރި ގޮތަށް ބަލާނަމަ މަނިޔަފަރު ފަޅު ފަދަ ބޮޑު އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ފަޅެއްގެ އަގު ނުވަތަ "ވިއްކާލެވޭނެ" އަގު ބިނާވަނީ މައިގަނޑު ދެ ގޮތެއްގެ މައްޗަށެވެ. އެއީ ސަރުކާރުގެ ރަސްމީ އެކިއުޒިޝަން ކޮސްޓް އާއި ޕްރައިވެޓް މާކެޓް ވެލިއު ގެ މައްޗަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުތަކަށް ބަލާއިރު، ރާއްޖޭގައި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އެންމެ އަގުބޮޑު ސަރަޙައްދަކީ ކ.އަތޮޅެވެ.މާލެ އަތޮޅުގެ ފަޅުތަކުގެ ބޭސް ރޭޓަކީ ހެކްޓަރަކަށް 500,000 ޑޮލަރެވެ. އަދި މީގެ އިތުރުން މާލެ އަތޮޅުގެ ކޮންމެ ފަޅަކަށް 500,000 ޑޮލަރުގެ ފިކްސްޑް ލޮކޭޝަން ޕްރީމިއަމްއެއް ނަގަ އެވެ. އަދި ފަޅުގެ ތިލަ ސަރަހައްދުގެ ބޮޑުމިނަށް ބަލައި (15 ހެކްޓަރަށް ވުރެ ބޮޑުނަމަ) ބޭސް ރޭޓުގެ އިތުރުން ޕްރީމިއަމް ތަކެއް ވެސް އިތުރުވެއެވެ. އެހެންކަމުން، ސަރުކާރުން އަލަށް މިފަދަ ފަޅެއް ސީދާ ދޫކުރާނަމަ، ހަމައެކަނި ސަރުކާރަށް ދައްކަންޖެހޭ އެކިއުޒިޝަން ކޮސްޓް (ލީސް ފީގެ އިތުރުން) ފަސް މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ އެވެ.
މަނިޔަފަރު ފަޅަކީ މިހާރުވެސް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް "ލީސް ހޯލްޑް ރައިޓްސް" ދީފައި އޮތް ފަޅެކެވެ. ރާއްޖޭގައި މިފަދަ ފަޅެއް އެހެން އިންވެސްޓަރަކަށް "ވިއްކާލުން" ނުވަތަ ބަދަލުކުރުމަކީ ކުންފުނީގެ ހިއްސާ ބަދަލުކޮށްގެން ނުވަތަ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު ލީސް ބަދަލުކޮށްގެން ކުރާ ކަމެކެވެ. އަދި މަނިޔަފަރު ފަޅަކީ އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި 20 މިނެޓުން ދެވޭ ހިސާބުގައި އޮތް ފަޅެކެވެ. މާލެއާ މިހާ ކައިރި ފަޅުތަކުގެ ޑިމާންޑް އިންތިހާއަށް ބޮޑެވެ. ސަބަބަކީ ރިސޯޓް ހަދާނެ ސާމާނު އުފުލުމާއި، މުވައްޒަފުން ގެންގުޅުމާއި، ފަތުރުވެރިން ސީޕްލޭންގެ ހަރަދަކާ ނުލައި އައުމަށް އޮންނަ ފުރުސަތެވެ.
މަނިޔަފަރު ފަޅުގެ ބައެއް ސަރަޙައްދުތައް ކޮނުމާއި ބިން ހިއްކުމުގެ ކުރިމަތީ މަސައްކަތްތަކެއް ކޮންޓްރެކްޓަރުން މެދުވެރިކޮށް ކޮށްފައިވާތީ، އެ މަސައްކަތްތަކުގެ އަގު ވެސް މީގެ ތެރެ އަށް ހިމެނޭނެ އެވެ. މި ގޮތުން މިހާރުގެ ބާޒާރުގެ ހާލަތަށް ބަލާއިރު، މަނިޔަފަރު ފަޅުގެ ސައިޒުގެ، ރިސޯޓެއް ހެދުމުގެ ހުއްދަ އޮތް ފަޅެއްގެ 'ލީސްހޯލްޑް ރައިޓްސް' ބަދަލުކުރާނަމަ އޯޕަން މާކެޓްގައި މީގެ އަގު އުޅޭނީ 25-15 މިލިއަން ޑޮލަރާ (ގާތްގަނޑަކަށް 230 މިލިއަން ރުފިޔާއާއި 380 މިލިއަން ރުފިޔާއާ) ދެމެދުގެ އަގަކަށެވެ.