ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވީ ފައްޔާޒާއެކު "ބޮޑު ބަދަލު" ކެމްޕެއިން ލޯންޗު ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމަކީ އެ ޕާޓީ ބޮޑު ބަދަލަކަށް ތައްޔާރުވެފައިވާ ކަން ސާބިތުވާ ކަމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ނަޝީދު ވަނީ ބޮޑު އަގުލަބިއްޔަތަކުން އެ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.
ނަޝީދަށް މަރުހަބާ ވިދާޅުވެ ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުމާއި ބޮޑު ބަދަލު ގެނައުމުގެ މަސައްކަތް ފެށުން ކަމަށެވެ.
"އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން،" ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވީ ފައްޔާޒާއެކު "ބޮޑު ބަދަލު" ކެމްޕެއިން ލޯންޗު ކުރައްވަމުންނެވެ. އެއީ ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައުމާއި ވެރިކަން ހިންގުމުގެ ނިޒާމް ވެސް ބަދަލު ކުރުމަށް ދެ ބޭފުޅުން ހުށަހަޅާ ބަދަލެކެވެ.
އެކަން ފުރަތަމަ ބަލައިގަންނަން ޖެހޭނީ އެމްޑީޕީން ކަމަށާއި އަދި އެ ބަދަލު ހިފައިގެން ވެރިކަމަށް އަންނަން ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.