ވާދަވެރިކޮށް ކުރިއަށްދިޔަ ވަރުގަދަ ކެމްޕޭނުތަކަށްފަހު، ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
ވާދަވެރިކޮށް ކުރިއަށްދިޔަ ވަރުގަދަ ކެމްޕޭނުތަކަށްފަހު، ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
މި އިންތިހާބުގައި ބެހެއްޓި 248 ވޯޓު ފޮށީގެ ތެރެއިން، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން، ގިނަ ވޯޓު ފޮށިތަކުން، ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު، ނަޝީދު ކުރި ހޯއްދަވާފައިވަނީ 4000 އެއްހާ ވޯޓުގެ ތަފާތުންނެވެ.
މީގެ ތިން އަހަރު ކުރިން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަދި ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ނަޝީދު ވަނީ ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ދެ އަހަރަށް ފަހު އެ މަނިކުފާނު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 23 ގަ އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް، އެމްޑީޕީ ފެނުނީ ދެ ފެކްޝަނަކަށް ބެހިފައިވާ ތަނެވެ. މިގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވީ މީކާއިލް އަށެވެ.
އެމްޑީޕީއަށް "ބޮޑު ބަދަލެއް" ގެންނަވާނެކަމަށް ވިދާޅުވެ ނަޝީދު ކެމްޕޭނު ކުރެއްވީ 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވާނެ ކަމުގެ ވައުދާ އެކު އެވެ.
އެ "ބޮޑު ބަދަލު" ނަޝީދު ގެންނަވަން އިއުލާނު ކުރެއްވީ، 2028ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ހޯއްދަވައި ދެއްވުމަށެވެ.
ނަޝީދާއި ފައްޔާޒް ގުޅިގެން އިއުލާނުކުރެއްވި "ބޮޑު ބަދަލު"ގައި ހިމެނެނީ، ސަރުކާރާއި ދައުލަތް ހިންގަން ދެ ވެރިން ގެންނަ ގޮތަށެވެ.
މިގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަވަން ނަޝީދު ތާއީދުކުރައްވާކަން ހާމަކުރައްވާފައިވަނީ، އެ މަނިކުފާނު ދައުލަތުގެ ހިންގުމުގެ އެންމެ އިސް ވެރިއަކަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަމާ އެކު އެވެ.
ފައްޔާޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކު ހޮވަން އާންމު ވޯޓަކަށް ދާނެކަމަށް ވެސް ދެ ބޭފުޅުން ވަނީ އިއުލާނުކުރައްވައިފަ އެވެ.