އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓުލާ ގަޑި 9:00އަށް އިތުރުކޮށްފި

އެމްޑީޕީން ބުނީ، މިއަދު މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކުގައި ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލެވޭ ގަޑިއަށް 30 މިނެޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލާ ގަޑި މިރޭ 9:00އާ ހަމައަށް އިތުރުކޮށްފި އެވެ. 

ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. އެމްޑީޕީން ކުރިން ހަމަޖައްސާފައި އޮތީ، މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާށެވެ.

ނަމަވެސް، އެމްޑީޕީން ބުނީ، މިއަދު މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކުގައި ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލެވޭ ގަޑިއަށް 30 މިނެޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.  

މި އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖުމްލަ 240 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި އަވަށްޓެރި ސްރީލަންކާގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

އެމްޑީޕީން ބުނެފައި ވަނީ މި އިންތިހާބުގައި 48،912 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މިއަދުގެ އިންތިހާބުގެ ތެރެއިން ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުންތައް ވެސް ހިނގައިފަ އެވެ.

މިގޮތުން، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅައިލުމުގެ ސަބަބުން، އެ ރަށުގައި އަލުން ވޯޓުލާން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އަދި، ފ. ފީއަލީގައި ވޯޓުލާ މަރުކަޒަށް މީހަކު ވަދެ، އެ ފޮށި ވަނީ ނަގައިގެން ގެންގޮސް އެމްޑީޕީ ހަރުގެއަށް ވައްދައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.