ޕެންޝަން ފަންޑާއި އިންޝުއަރެންސް ކުންފުނިތައް ހިމެނޭ "އެހެނިހެން މާލީ އިދާރާތަކުން" ވެސް ވަނީ ސަރުކާރުގެ ބޮންޑާއި ޓީ-ބިލްތަކަށް ބޮޑު ހޭދައެއް ކޮށްފަ އެވެ.

ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވިއްކާ ޓީ-ބިލްގެ ބޮޑުބައި ގަންނަނީ ވިޔަފާރި ބޭންކްތަކުން ކަމަށް ދައްކައިފި އެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ސެކިއުރިޓީގެ މައުލޫމާތުތައް ދައްކާ ގޮތުން ސެކިއުރިޓީސްގެ ސަރުކާރުގެ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުން ނުވަތަ ޑޮމެސްޓިކް އިންސްޓްރޫމަންޓްތަކުން ނަގާފައިވާ ފައިސާ އެވެ. އެގޮތުން އެތެރޭގެ ދަރަނީގެ ޖުމްލަ އުޅެނީ 95.6 ބިލިއަން ރުފިޔާގަ އެވެ. ބޭރުގެ އިންސްޓްރޫމަންޓްތަކުގެ ގޮތުގައި ހުރީ 1.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. މީގެ ތެރޭން ސަރުކާރުގެ ސެކިއުރިޓީޒް ތަކަށް އެންމެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކްތަކުންނެވެ.
ރުފިޔާ ޓީ-ބިލްގެ ތެރެއިން 23.2 ބިލިއަން ރުފިޔާ އަދި ޑޮލަރު ބޮންޑުގެ ތެރެއިން، 635 މިލިއަން ޑޮލަރު (9.8 ބިލިއަން ރުފިޔާ) ބޭންކްތަކުން ވަނީ ގަނެފައިވެ އެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑާއި އިންޝުއަރެންސް ކުންފުނިތައް ހިމެނޭ "އެހެނިހެން މާލީ އިދާރާތަކުން" ވެސް ވަނީ ސަރުކާރުގެ ބޮންޑާއި ޓީ-ބިލްތަކަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. އެގޮތުން ރުފިޔާ ޓީ-ބިލަށް 17.9 ބިލިއަން ރުފިޔާ އަދި ރުފިޔާ ބޮންޑަށް 10.4 ބިލިއަން ރުފިޔާ އެ ފަރާތްތަކުން އިންވެސްޓްކޮށްފައިވެ އެވެ.
ސަރުކާރުން ބަޖެޓަށް ފައިސާ ހޯދަން ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ޓްރެޜަރީ ބިލް ގެ ގޮތުގައި އެންމެ ގިނަ ފައިސާ ނަގާފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ. އެއީ 34.4 ބިލިއަން ރުފިޔާ އެވެ.
ބޭންކްތަކުން 23.2 ބިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވެ އެވެ. މީގެ ތެރެއިން ޑޮލަރުގެ ޓީބިލްގެ ނިސްބަތް ހުރީ 9.8 ބިލިއަން ރުފިޔާގަ އެވެ. އަދި އިސްލާމިކް އިންސްޓްރޫމަންޓްސްގެ އަދަދު 4.1 ބިލިއަން ރުފިޔާ އަދި ޓްރެޜަރީ ބޮންޑުގެ އަގު 3.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޑޮލަރުގެ ޓީބިލްގެ އަދަދު ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ.