އިންޑިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، ހިމަބިހީގެ ވެކްސިންގެ 20،000 ޑޯޒް އާއި އެއާ ގުޅުންހުރި ތިން ޓަނުގެ ސިއްހީ ސާމާނު ހިމެނެ އެވެ.

ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، އިންޑިއާ ސަރުކާރުން މިއަދު ރާއްޖެއަށް ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި ވެކްސިން ޝިޕްމަންޓު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އެވެ.
އިންޑިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، ހިމަބިހީގެ ވެކްސިންގެ 20،000 ޑޯޒް އާއި އެއާ ގުޅުންހުރި ތިން ޓަނުގެ ސިއްހީ ސާމާނު ހިމެނެ އެވެ.
ސިއްހީ ސާމާނުގެ ތެރޭގައި ހިމަބިހި ޓެސްޓުކުރަން ބޭނުންވާ ކިޓް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވެފައި ވަނީ މި އެމްއާރު ވެކްސިންގެ ސަބަބުން ހިމަބިއްސާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ވަރުގަދަވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ހިމަބިހި ޓެސްޓުކުރަން ބޭނުންވާ ކިޓް ހިމެނޭ އެ މެޑިކަލް ސަޕްލައިގެ ސަބަބުން ބަލި ދެނެގަތުމަށާއި މޮނީޓާ ކުރުމުގެ މަސައްކަތް އަވަސްވެގެން ދާނެ ކަމަށެވެ.
ހިމަބިހި ރާއްޖޭން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، އެ ބަލި ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންތަކެއްގެ ގައިން ފެނިފަ އެވެ.
ނަމަވެސް، މި އަހަރުގެ ތެރޭގައި، ދިވެހިންވެސް ހިމެނޭ ގޮތަށް، މިހާތަނަށް ހިމަބިހީގެ 15 ކޭސް ވަނީ ފެނިފަ އެވެ.
އެއާ އެކު، އެޗްޕީއޭއިން ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެ ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖަހަން ނިންމައިފަ އެވެ.
އަދި އާންމުންނަށް ޖެހުމަށް އިތުރު ވެކްސިން ހޯދަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.