އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.
މި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުންވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ އެވެ. އެގޮތުން ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އެވެ.
ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށް ވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
މި ފަހަރަކީވޯލްޑް ކަޕްގެ ތާރީޚުގައި ތިން ގައުމެއް ބައިވެރިވެގެން ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބާއްވަނީ އުތުރު އެމެރިކާގެ ތިން ގައުމުގައެވެ. ޖުމްލަ 16 ސިޓީއެއްގައި މެޗުތައް ކުޅެވޭނެއެވެ. (އެމެރިކާގެ 11 ސިޓީ، މެކްސިކޯގެ 3 ސިޓީ، އަދި ކެނެޑާގެ 2 ސިޓީ) ހިމެނެ އެވެ. މިއީ މި ފަހަރުގެ މުބާރާތަށް އައި އެންމެ ބޮޑު ބަދަލެވެ. ކުރިން ވޯލްޑް ކަޕްތަކުގައި 32 ޓީމު ވާދަކުރި ނަމަވެސް، މި ފަހަރު 48 ގައުމު މުބާރާތުގައި ވާދަކުރެއެވެ. މީގެ ސަބަބުން އެކި ބައްރުތަކުން ގިނަ ގައުމުތަކަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބިގެންދިޔަ އެވެ. ގްރޫޕް ސްޓޭޖުގައި 48 ޓީމު ބަހާލެވިގެންދާނީ 12 ގްރޫޕަކަށެވެ (ކޮންމެ ގްރޫޕެއްގައި 4 ޓީމު) ބައިވެރިވެ އެވެ. ދެވަނަ ބުރަށް ހޮވޭ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ތިންވަނައަށްދާ އެންމެ މޮޅު 8 ޓީމު "ރައުންޑް އޮފް 32" (ނޮކައުޓް ބުރަށް) ދަތުރުކުރާނެއެވެ. މި ބަދަލާއެކު މުބާރާތުގައި ކުޅެވޭ ޖުމްލަ މެޗުގެ އަދަދު ވަނީ 104 މެޗަށް އިތުރުވެފައެވެ.