ޝަމްއާން ބުނާ ކޮރަޕްޝަންގެ ހެކި އޭނާ ހިއްސާ ނުކުރޭ: ފުލުހުން

ޝަމްއާންގެ ފޯނުގައި އިހުސާން އާ ގުޅޭ ކޮރަޕްޝަންގެ ހެކި ހުރި ކަމަށް އޭނާ ބުނޭ. ނަމަވެސް ފުލުހުން ބުނީ އެފަދަ މައުލޫމާތެއް ޝަމްއާން ހިއްސާ ނުކުރާ ކަމަށް

ފުލުހުންގެ އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގް

ހޯމް މިނިސްޓަރު އަލީ އިހުސާން އާ ގުޅޭ ކޮރަޕްޝަންގެ ހެކި ފޯނުގައި ހުރި ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝަމްއާން ވަހީދު ބުނި ކަމަށް އެފަދަ ހެއްކެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަމްއާނަށް 25 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭނާ ވަނީ ފުލުހުން ހިފެހެއްޓި އޭނާގެ ފޯނުގައި އިހުސާން ހިންގި ކޮރަޕްޝަނާ ގުޅޭ ހެކިތައް ހުރި ކަމަށް ބުނެފަ އެވެ.

އިހުސާންގެ އެދިވަޑައިގަތުމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މުޅި ތަހުގީގުގެ މަރުހަލާގަ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައި ވެސް ޝަމްއާންގެ ފޯނު ހުޅުވަން ބޭނުންވާ ޕާސްވޯޑު އޭނާ ދީފައި ނުވާ ކަމަށާއި އެހެންވެ އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލަން ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އެ ފޯނުގައި ކޮރަޕްޝަންގެ މައުލޫމާތު ހުރި ކަމަށް ޝަމްއާން ވިދާޅުވި ނަމަވެސް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި ޝަމްއާން ބަންދުން ދޫކޮށްލި ފަހުން ވެސް އެގަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ މައްސަލައެއް ކޮރަޕްޝަންގެ މެންޑޭޓް އޮންނަ އެހެން މުއައްސަސާއަކަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަން ވެސް ފުލުހުންނަށް އެނގިފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"...ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ފުލުހުން ބުންޏެވެ.

ޝަމްއާންގެ މައްޗަށް ސާބިތުވެފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.