އެނގިފައިވާ ގޮތުގައި ހއ. އުލިގަމަށް އުފަން 33 އަހަރުގެ ޒުވާން ފުލުސް އޮފިސަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު އާސިފުއަކީ މާލޭން މި އޮޕަރޭޝަން ހިންގަން ދިޔަ ޓީމުގެ މެންބަރެކެވެ.

ހިމަންދޫގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި ފުލުސް އޮފިސަރަކީ މި އޮޕަރޭޝަނަށް މާލޭން ދިޔަ ހާއްސަ ޓީމުގެ މެންބަރެކެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި ހއ. އުލިގަމަށް އުފަން 33 އަހަރުގެ ޒުވާން ފުލުސް އޮފިސަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު އާސިފުއަކީ މާލޭން މި އޮޕަރޭޝަން ހިންގަން ދިޔަ ޓީމުގެ މެންބަރެކެވެ. މި ޓީމުގައި އާސިފުގެ އިތުރުން އެހެން މެންބަރުންވެސް ހިމެނެ އެވެ. އޭނާގެ އެއް ކުއްޖަކާ އަނބެއްވެސް ހުރެ އެވެ.
މި ހާދިސާ ދިމާވި ސަބަބެއް ފުލުހުން މި ވަގުތު ރަސްމީކޮށް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އާސިފު ނިޔާވީ މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ޔުނިޓް ރޭ ދަންވަރު އއ. އަތޮޅުގައި ހަރަކާތްތެރިވަނިކޮށެވެ. އޮޕަރޭޝަންގައި އުޅެނިކޮށް އޭނާ ގެއްލުމުން ފުލުހުން ފަހުން ކުރި މަސައްކަތުން ވަނީ އާސިފު ނިޔާވެފައިވަނިކޮށް މޫދުން ފެނިފަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު ވަނީ އާސިފަށް މަގާމުގެ ކުރިއެރުން ދީފަ އެވެ. މި ކުރިއެރުން ދިނުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވާފައިވާ ކަމަށެވެ. އަދި ބުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެކެވެ.
"މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގަ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.