ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ އަޑީގައި އިހުސާންގެ އަތެއް ވާކަމަށް އޭނާ ކުރި ތުހުމަތުތައް ފުލުހުން ދޮގު ކުރި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަ ޝަމްއާން ވަހީދާ ގުޅޭ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވި ކަމަށް އޭނާ ކުރި ތުހުމަތު ފުލުހުން ދޮގު ކޮށްފި އެވެ.
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝަމްއާން ވަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނެވި ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެ މައްސަލައިގެ ހަގީގަތް ހާމަ ކޮށްދޭން އިހުސާން ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ.
އެ ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ ވާހަކަތައް ވެސް ފުލުހުން ދޮގު ކުރި އެވެ.
"..ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ޝަމްއާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.
ނަމަވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.