ހިމަންދޫ ޑްރަގް އޮޕަރޭޝަން | ނިޔާވި ފުލުސް އޮފިސަރަށް މަގާމުގެ ކުރިއެރުން

ނިޔާވި ފުލުސް އޮފިސަރު، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސްގެ ރޭންކްއަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އާސިފު

މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ކަނޑުމަތީ ހިންގަމުން ދިޔަ އޮޕަރޭޝަނެއްގައި ނިޔާވި ފުލުސް އޮފިސަރު، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސްގެ ރޭންކްއަށް މަގާމުގެ ކުރިއެރުން ދީފި އެވެ. 

އާސިފަށް މަގާމުގެ ކުރިއެރުން ދިނުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސްގެ ރޭންކް މިއަދު ވަނީ އަރުވައިފަ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެކެވެ.

"މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގަ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.


ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނިޔާވި ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަޅަމެންގެ ދުޢާއަކީ މާތްﷲ އަޙްމަދު އާސިފްގެ ފުރާނައަށް ރަޙުމަތްލައްވައި، ކުށްފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަކީ އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަން އެނގިފައިވެ އެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ އެރަށް ކައިރި މޫދުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

"މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައި. އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.