މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަތް ސާފު ޑައިރެކްޓް އިންވެސްޓްމަންޓްތަކުގެ އަދަދު ވަނީ 857.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން 857.1 މިލިއަން ޑޮލަރު (13 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަތް ސާފު ޑައިރެކްޓް އިންވެސްޓްމަންޓްތަކުގެ އަދަދު ވަނީ 857.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 806.2 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. މައިގަނޑު ގޮތެއްގައި ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓްތަކުގެ ގޮތުގައި އަންނަނީ ޓޫރިޒަމް ސިނާތަނާ ގުޅުންހުރި އިންވެސްޓްމަންޓްތަކެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި ކުރިއެރުން އައުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުން އަލަށް ކުރި އިކުއިޓީ އިންވެސްޓްމަންޓްތަކެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ އެފްޑީއައިތަކުން ލިބުނު ފައިދާ އަލުން ރާއްޖޭގައި އިންވެސްޓްކުރި މިންވަރު ވެސް މިދިޔަ އިތުރުވެފައިވާ ކަމަށް އަންދާޒާކުރެވެ އެވެ.
މި ރިޕޯޓުން ދައްކާ ގޮތުން ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތަކަށް ބަލާއިރު، މިދިޔަ އަހަރު 24.1 މިލިއަން ޑޮލަރުގެ ސާފު އައުޓްފްލޯ އެއް ނުވަތަ ރާއްޖެއިން ބޭރަށް ފައިސާ ދިޔަ ކަމަށް ރިކޯޑު ކުރެވިފައިވެ އެވެ. އަދި 2024 ވަނަ އަހަރު މި އަދަދު ހުރީ 3.9 މިލިއަން ޑޮލަރުގައެވެ.
އެގޮތަށް ބޭރަށް ފައިސާ ދިއުމަށް މެދުވެރިވީ ރާއްޖޭގެ ޑިޕޮސިޓް ނަގާ ކޯޕަރޭޝަންތަކުން (ބޭންކުތަކުން) ރާއްޖެއިން ބޭރުގެ ޑެޓް ސެކިއުރިޓީޒްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުންނެވެ. އަދި އެހެނިހެން އިންވެސްޓްމަންޓްތަކުން މިދިޔަ އަހަރު ބިފައިވަނީ 121.4 މިލިއަން ޑޮލަރުގެ ސާފު އިންފްލޯ އެކެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 407.3 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އަދި 2024 ވަނަ އަހަރު މި އަދަދު މަތިވާން މެދުވެރިވީ އިންޑިއާގެ ރިޒާވް ބޭންކް އާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމާ ގުޅިގެންނެވެ.