މި ތަކެތި ސަޕްލައިކުރަން ޖެހޭނީ އާޕަލާއި އަނބު އަދި އޮރެންޖް އަދި ފްރުޓް ކޮކްޓެއިލް ފްލޭވާ ތަކުންނެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށް ޖޫސްޕެކެޓް ސަޕްލައިކޮށް، ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭން ހުޅުވާލާފައިވާ މި ބިޑުގެ ދަށުން ހޯދުމަށް ބޭނުންވަނީ އެއް ލީޓަރުގެ ޖޫސްޕެކެޓާއި 180 ނުވަތަ 200 މިލިލީޓަރުގެ ޖޫސްޕެކެޓެވެ.
މި ތަކެތި ސަޕްލައިކުރަން ޖެހޭނީ އާޕަލާއި އަނބާއި އޮރެންޖް އަދި ފްރުޓް ކޮކްޓެއިލް ފްލޭވާ ތަކުންނެވެ. އަދި އެއް ލީޓަރުގެ ޖޫސްޕެކެޓް މަހަކު 1,250 ކޭސް (ކޮންމެ މަހަކު ދެ ފަހަރު ފޯރުކޮށްދޭން އެވެ. އަދި 180/200 މިލިލީޓަރުގެ ޖޫސްޕެކެޓް މަހަކު 150 ކޭސް ކޮންމެ މަހަކު އެއް ފަހަރު ޑެލިވަރީ ކުރަންޖެހެ އެވެ.
މި ތަކެތި ސަޕްލައިކުރާ ފަރާތުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އިން-ފްލައިޓްވެ އާހައުސްއަށް ތަކެތި އަމިއްލަ ޚަރަދުގައި ޑެލިވަރީކޮށް އަތުރައިދޭން ޖެހޭނެ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ބިޑު ހުށަހަޅާ ޖޫސްޕެކެޓްތަކަކީ ބޭރުފުށަށް ވަރުގަދަ، ތެތުރާޕެކް ތަކެއް ކަމުގައި ވާންޖެހޭނެ އެވެ. އަދި އެއް ލީޓަރުގެ ޕެކެޓުތަކުގެ އުސްމިނުގައި އެންމެ ބޮޑުވެގެންވެސް ހުންނަންޖެހޭނީ 21.5 ސެންޓިމީޓަރެވެ. މީގެ އިތުރުން ޑެލިވަރީކުރާ ތާރީޚުން ފެށިގެން މަދުވެގެން ހަތަރު މަސްދުވަހުގެ މުއްދަތު ހުރި ތަކެއްޗަށް ވާންޖެހޭނެ އެވެ.
އައިލެންޑް އޭވިއޭޝަންއަކީ އިންޑިއާ އާއި ޗައިނާ އަދި އޮސްޓްރޭލިއާ އަދި ބަންގާޅަށްވެސް ދަތުރު ކުރާ އެއާލައިން އެވެ. މި އަހަރު އިތުރު ތިން ބޯޓު ގެނެސް ހިދުމަތް ފުޅާކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.