އެމްއެފްޑީއޭއިން ބުނީ ގަވާއިދާ ހިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ވިއްކާ ކާބޯތަކެތި ލޭބަލް ކުރުމުގެ ގަވާއިދު ހަރުކަށިކޮށް، އެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް، އެއް މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހަދައިފި އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަށް ހާއްސަކޮށްގެން "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދު" އެމްޑީއެފްއޭއިން އިއްޔެ އާންމުކޮށްފައިވާއިރު، އެ ގަވައިދުން ވަނީ އެއްފަހަރު ބޭނުންކޮށްގެން އުކާލާ ޕޮލިއިތެލީން ޓެރެފްތަލޭޓް (ޕީއީޓީ) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.
ލޭބަލްކުރުމެގެ މިންގަނޑާ ހިލާފުވިއަސް 10،000ރ. އާއި 750،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރެވޭނެ ކަމަށް ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ގަވާއިދާ ހިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ.
އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ގަވާއިދާ ހިލާފަށް އެ ތަކެތި އެތެރެކުރުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.