ޝައްމާން ވަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށް ވިދާޅުވެފަ. އޭގެ އިތުރުން ހޯމް މިނިސްޓަރު އިހުސާނާއި ރައީސަށް ވެސް ބޮޑެތި ތުހުމަތުތަކެއް އޭނާ ކުރި.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ މައްޗަށް ކުރި ދައުވާތަކާއި ސަރުކާރުގެ އިސް ފަރާތްތަކާ ގުޅިގެން ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހާމަ ކޮށްދިނުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ ކިބައިން އެދެފި އެވެ.
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި ޝައްމާން ވަނީ އިހުސާން އާއި ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
އޭގެ އިތުރުން އޭނާ ފްރޭމް ކޮށްފައިވާ ކަމަށް ބުނެ ޝައްމާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފަ އެވެ.
އެކަމާ ގުޅިގެން އިހުސާން "އެކްސް" ގައި ވިދާޅުވީ ޝައްމާން ކޮށްފައި ވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް އިރު މީގެ ކުރިން ވެސް އެކަން ދޮގު ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭގެ އިތުރުން ޝައްމާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާޙަކައަކީ ވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި." އޭނާ ވިދާޅުވި އެވެ.
ޝައްމާން ތުހުމަތު ކުރާ ގޮތުގައި އޭނާ ފްރޭމް ކުރުމުގައި އިސްކޮށް އުޅުއްވީ އިހުސާނެވެ. އަދި ބިދޭސީންގެ ކޯޓާ ކަންތައްތަކުގައި އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.