ކައުންސިލް އިންތިހާބަށް ފަހު ލީކުވި އޯޑިއޯ މައްސަލާގައި އޭނާ އާ މެދު ސަރުކާރުން ފިޔަވަޅުތަކެއް އެޅި. ނަމަވެސް ފަހުން އެ މައްސަލަ ހައްލު ކުރި

ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުންގެ ކުރިމަތީގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމައްތަ) ގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގަތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީ އަށް ފަހު ޕީއެންސީ އަށް ވޯޓު ނުދިނުމަށް އަސްމާ ބުނާ ކަމަށް ތުހުމަތު ކުރެވުނު އޯޑިއޯއެއް ލީކުވި އެވެ.
އެއަށް ފަހު ޔޫއޭއީގައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކި ކުރި އެވެ. މުންދު އަކީ އަސްމާގެ ދަރިކަލެކެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ
ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ސަލްމާ އަލުން މަގާމަށް އައްޔަން ކުރި އެވެ. އަދި ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މުންދު ބަދަލު ކުރި އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން ސަލީމް ވަނީ ކަމަށް އިޝާރަތް ކުރައްވައި އާ ވާހަކަތަކެއް ހާމަ ކުރައްވައިފަ އެވެ.
އެގޮތުން ކައުންސިލް އިންތިހާބަށް ފަހު އަސްމާ އާ ދޭތެރޭގައި ޕާޓީ ތެރޭގައި ހިތްހަމަ ނުޖެހި މައްސަލަތަކެއް ހިނގި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިކަން ވިސްނާ ބައްލަވައި، އެމަނިކުފާނު އެ ދުވަހު އަޅުގަނޑުމެން ޕާލިމެންޓަރީ ގްރޫޕް މެންބަރުން އެންމެން ކުރިމަތީގައި އަސްމާއްތަ ކިބައިން މާފަށް އެދިވަޑައިގަތް." ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ވަކިވަކި މެންބަރުންނާ ބައްދަލު ކުރައްވާ ކަންކަން ކުރަންވީ ގޮތުގެ ވާހަކަތައް ދެއްކެވި ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ރައީސްގެ ހުލްގު ހެޔޮ ކަން ފެންނަ ކަމުގެ މިސާލެކެވެ. އެހެންކަމުން އެފަދަ ލީޑަރުންގެ ފަހަތުގައި ހުންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.