ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅާ ބިން މިނިސްޓްރީއާ ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3ގެ މެދުގައި އަޅާ މި މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިން އެޗްޑީސީން މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު --

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

އެ މިސްކިތަށް ބޭނުންވާ ބިމާ މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3ގެ މެދުގައި އަޅާ މި މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު މިނިސްޓްރީން ވަނީ ސޮއިކޮށްފަ އެވެ.

މިނިސްޓަރު ޝަހީމް މީގެ ކުރިން ވިދާޅުވެފައި ވަނީ މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށެވެ.

އަދި ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެކަމަށް މިނިސްޓްޓަރު ވިދާޅުވެފައިވެ އެވެ.
މި މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 10،000 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.