ނަމަވެސް، ސިޔާސީ ހަޔާތް ފެއްޓެވި ފިކުރު ކުރިއެރުވުމުގައި، ޕާޓީ އާއި ރައީސް މުއިއްޒު އާއެކު ގަދަކޮށް، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ކޮށްދެއްވުމުގައި ދެމިހުންނެވިކަމުގެ ޔަގީންކަން ޒަމީރު ތަކުރާރުކޮށް ދެއްވި އެވެ.

ވެރިކަން ކުރާ ޕީއެންސީގައި ތިއްބެވި ގާބިލު ބޭފުޅުންނަށް ޖާގަ ދެއްވައި، ބަލި ހާލަތު ހުރި ގޮތުން ވަޒީރުކަމުން އިސްތިއުފާ ދެއްވިޔަސް، އޭނާ އަދިވެސް ހުންނެވީ ޕާޓީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ކަމުގެ ޔަގީންކަން ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން، ވަޒީރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ބަލި ހާލަތަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ފިނޭންސް މިނިސްޓަރުގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށެވެ.
މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،" އެއީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް، ސިޔާސީ ހަޔާތް ފެއްޓެވި ފިކުރު ކުރިއެރުވުމުގައި، ޕާޓީ އާއި ރައީސް މުއިއްޒު އާއެކު ގަދަކޮށް، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ކޮށްދެއްވުމުގައި ދެމިހުންނެވިކަމުގެ ޔަގީންކަން ޒަމީރު ތަކުރާރުކޮށް ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީގައި ވަރަށް ގާބިލު އަދި ޒުވާން ބޭފުޅުން ތިއްބެވިއިރު، ޕާޓީ އާއި ރައީސަށް މަސައްކަތް ކޮށް ދެއްވުމުގައި ކޮންމެހެން ވަޒީރުކަމުގައި ހުންނެވުން މުހިއްމެއް ނޫނެވެ.
"އަޅުގަނޑު ސީނަކުން ނުގެއްލޭނެ، މި ޕާޓީ އާއި ރައީސް މުއިއްޒުގެ އުފެއްދުންތެރި ފިކުރާއެކު އަބަދުވެސް އަޅުގަނޑު ހުންނާނަން،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު މިރޭ ވަނީ، އޭނާގެ ބަދަލުގައި ފިނޭންސް މިނިސްޓަރުކަމަށް ރައީސް އައްޔަނުކުރެއްވި، ކުރީގެ ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ދައުލަތަށް ލިބޭ އާމްދަނީ ބަލަހައްޓައި އިދާރާގައި ކޮށްދެއްވި ހިދުމަތްތަކުގެ އަލީގައި، ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރަށް ވުރެ ގާބިލު ބޭފުޅަކު ނެތެވެ.