މަސް ކިލޯއެއް 20ރ. އަށް ބޮޑު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުގައި ހިމެނޭ ކަމެކެވެ. މި ބަދަލު ގެނެސްފައިވަނީ ޔޫކޭއިން ނަގާ މަހުގެ ޑިއުޓީ އުނި ކުރުމާ ގުޅިގެންނެވެ.

މީގެ ތިން އަހަރު ކުރިން މަސް ކިލޯއެއްގެ އަގު 20ރ. އަށް މަތި ކުރުމަށްފަހު، ފުރަތަމަ ފަހަރަށް މަހުގެ އަގު 20ރ. އަށް ބޮޑުކޮށްފި އެވެ.
މަހަށް ފުރާ އޮޑިފަހަރު މަދުވެފައިވަނިކޮށް ސަރުކާރުން ގެނައި މި ބަދަލާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުގެ އަގު ބޮޑު ކުރިފަހުން މަސް ކިލޯއެއްގެ އަގު 20ރ. އަށް ޖެއްސި މިއީ ފުރަތަމަ ފަހަރެވެ.
މި ބަދަލާއެކު، މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އިތުރުން ގދ. ތިނަދޫ އާއި ގދ.ފަރެސް މާތޮޑާ އަދި ގދ. ގައްދޫގެ އިތުރުން ފުވައްމުލައް ސިޓީ އަދި ހއ އިހަވަންދޫ ބަނދަރުން މިއަދު ފެށިގެން މަސް ގަންނާނީ ކިލޯއެއް 20ރ، އަށެވެ. މި ބަދަލު ގެނައުމުގެ ކުރީގައި އިއްޔެ މަސް ގަންނަމުން ގޮސްފައިވަނީ ކިލޯއެއް 18ރ. އަށެވެ.
ކަޅުބިލަ މަހުގެ އަގު މަތި ކުރިނަމަވެސް މިފްކޯއިން ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. މިފްކޯއަށް 10-15 ކިލޯގެ ކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެބެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.
މަސް ގަންނަ އަގު 20ރ. އަށް ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.މި ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރިނަމަވެސް މިފްކޯގައި ހުރި ދަރަނީގެ މައްސަލަތަކާއި ދައުލަތުގެ މާލިއްޔަތުގައި ހުރި ދަތިކަމުގެ ސަބަބުން އެކަން ކޮށްފައެއް ނުވެ އެވެ. ނަމަވެސް މިފަހަރު މި ބަދަލު ގެނެސްފައިވަނީ އިނގިރޭސިވިލާތަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުން ނަގާ 20 ޕަސެންޓުގެ ޑިއުޓީގެ އުނިކުރުމާ ގުޅިގެންނެވެ. ޔޫކޭގައި އިންފްލޭޝަން ހިފަހައްޓަން އިނގިރޭސި ސަރުކާރުން ގެނައި މި ބަދަލާއެކު ރާއްޖެއަށް ވަނީ ދެ އަހަރު ދުވަހަށް ޑިއުޓީގެ އިނާޔަތް ލިބިފަ އެވެ.