މީކާއީލް ވިދާޅުވީ ލ. އިސްދު އާއި ކަލައިދު އާއި އެ އަތޮޅު ގަމުގެ މަތިމަރަދޫ އަވަށް އަދި ގއ. ވިލިނގިލީގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމި ގޮތާ ހިލާފަށް ވޯޓު ފޮށިތަކެއް ބަހައްޓާތީ، އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.
އެ ކޮމިޓީން ނިންމާފައި އޮތީ، އިންތިހާބުގައި ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ.
ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ލ. އިސްދު އާއި ކަލައިދު އާއި އެ އަތޮޅު ގަމުގެ މަތިމަރަދޫ އަވަށް އަދި ގއ. ވިލިނގިލީގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ހަމައެކަނި ސްކޫލްތަކުގައި ވޯޓު ފޮށި ބަހައްޓަން ކޮމިޓީން ނިންމީ، އިންތިހާބުގެ ވާދަވެރިކަމާއި އިންސަފުވެރިކަން ކަށަވަރު ކުރުމަށެވެ.
"މި އިންތިހާބުގެ ވޯޓުލުމާއި ވޯޓުގުނުމުގެ ކަންކަން، ވީހާ ވެސް އިންސާފުވެރިކޮށް އަދި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ނިންމާފައިވާ މިފަދަ މުހިއްމު ނިންމުންތަކާ ހިލާފަށް އަދި މުޅި ރާއްޖޭގެ އެތައް ރަށެއްގައި އެތައް ވޯޓުފޮށްޓެއް، ކޮމެޓީގެ ނިންމުމާ އެއްގޮތަށް، މަދުރަސާތަކުގައި ބެހެއްޓުމަށް ނިންމާފައި ވަނިކޮށް، މަތީގައި މި ބަޔާންކުރި ހަތަރު ރަށުގައި މަގުބޫލު ސަބަބެއް ނެތި، ކޮމިޓީގެ ނިންމުމާ ހިލާފަށްް ފޮށި ބެހެއްޓުމަށް ނިންމާފައި ވުމަކީ މިކަމާ މެދު އަޅުގަނޑު ކަންބޮޑުވާ އަދި ހައްލެއް ބޭނުންވާ ކަމެއް ކަމުގައި ދެންނެވީމެވެ،" މީކާއީލް ވިދާޅުވި އެވެ.
އެހެންކަމުން އެކަން ހައްލުކޮށްދިނުމަށް މީކާއީލްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލް އާ ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.