ޒަރީރު އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އައްޔަން ކުރައްވައިފި އެވެ.
ޒަރީރު އެ މަގާމަށް އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރުގެ މަގާމް އަދާ ކުރެއްވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އަށް ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޒަރީރަކީ މާލީ ދާއިރާ އާއި ޓެކްސް އާއި އޮޑިޓް ދާއިރާ އިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.