މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ބޭންކުތަކުގައި ބޭރު ފައިސާގެ ގޮތުގައި 9 ބިލިއަން ރުފިޔާގެ މިންވަރަށް ޑޮލަރު ހުރިއިރު، މެއި މަހުގެ ނިޔަލަށް މި އަދަދު ވަނީ 8.5 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ.

އީރާން - އެމެރިކާ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ހީނަރުވެ، ބޭންކްތަކުގައި ހުރި ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށް ދައްކައިފި އެވެ.
މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ފަހުން އާންމުކުރި މާލީ ހާލަތުގެ ބަޔާން ދައްކާގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައާއި ރާއްޖޭއިން ބޭރުގެ ބޭންކުތަކުގައި ބަހައްޓާފައިވާ ބޭރު ފައިސާގެ ކޭޝް ބެލެންސް އަށް ބޮޑު ބަދަލެއް އައިސްފިއެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ބޭންކުތަކުގައި ބޭރު ފައިސާގެ ގޮތުގައި 594.3 މިލިއަން ޑޮލަރު ހުރިއިރު، މެއި މަހުގެ ނިޔަލަށް މި އަދަދު ވަނީ 556.7 މިލިއަން ޑޮލަރަށް ގޮސްފައެވެ. މިއީ އެޕްރީލް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 37.5 މިލިއަން ޑޮލަރުގެ މަދުވުމެކެވެ.
މި ބަދަލާއެކު، އެމްއެމްއޭގެ ޖުމްލަ ބޭރު ފައިސާގެ މާލީ އެސެޓްސް ވެސް ވަނީ އެޕްރީލް މަހު ހުރި 12.90 ބިލިއަން ރުފިޔާއިން، މެއި މަހުގެ ނިޔަލަށް 12.82 ބިލިއަން ރުފިޔާއަށް ކުޑަ ތަންކޮޅެއް ދަށަށް ގޮސްފައިވެ އެވެ. ނަމަވެސް، ބޭރު ފައިސާގެ ކޭޝް ބެލެންސް ދަށަށް ދިޔަ ނަމަވެސް، ބޭރުގެ ސެކިއުރިޓީޒްތަކުގައި އެމްއެމްއޭއިން ކޮށްފައިވާ އިންވެސްޓްމަންޓްތައް ވަނީ 2.87 ބިލިއަން ރުފިޔާއިން 3.24 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ރާއްޖެއަށް ބޭރު ފައިސާ މައިގަނޑު ގޮތެއްގައި ވަންނަ ޓޫރިޒަމް ސިނާއަތް ހަނގުރާމައިގެ ސަބަބުން ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިދިޔަ އަހަރާ އަޅާބަލާނަމަ ހަ ޕަސެންޓުގެ ދަށްވުމެއް ފާހަގަވެ އެވެ. އަދި މި ހީނަރުކަމުގެ ސަބަބުން އާއްމުންގެ ބޭނުމަށް އެންމެ ގިނައިން ޑޮލަރު ފޯރުކޮށްދޭ ބީއެމްއެލްއިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އޮންލައިން ވިޔަފާރި ކުރަން ދީފައިވާ ޑޮލަރުގެ މިންވަރު ވަނީ މަދުކޮށް، ލިމިޓެއް ލާފަ އެވެ.