ބީއެމްއެލް ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންގް އަށް ދީފައިވަނީ 'ސްޓޭބަލް' އައުޓްލުކަކާއެކު 'ސީސީސީ-' އެވެ. އަދި ލޯކަލް ކަރަންސީ ލޯންގް-ޓާމް އަށް 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންގްއަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ.

ފިޗްގެ ބަލައިގަތުމަކީ ރާއްޖޭގެ މާލީ ހަރުދަނާކަމާއި ދުރުރާސްތާގެ ކުރިއެރުމަށް ބީއެމްއެލް އިން ކުރާ މަސައްކަތުގެ ނަތީޖާ
ފިޗް ރޭޓިންގްސް އިން ބީއެމްއެލް އަށް ދީފައިވާ ކްރެޑިޓް ރޭޓިންގްއަކީ ބޭންކުގެ މާލީ ވަރުގަދަކަމާއި، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރު ބަލައިގަތުމުގެ ރަމްޒެކެވެ.
ފިޗުން ބީއެމްއެލް ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންގް އަށް ދީފައިވަނީ 'ސްޓޭބަލް' އައުޓްލުކަކާއެކު 'ސީސީސީ-' އެވެ. އަދި ލޯކަލް ކަރަންސީ ލޯންގް-ޓާމް އަށް 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންގްއަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ.
މި ރޭޓިންގް ބޭންކަށް ލިބިފައިވަނީ ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް މަތިކޮށްފައިވަނީ އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަދާކުރުމާއި ސަރުކާރުން ގެންނަ އިގްތިސާދީ އިސްލާހުތަކުގެ ސަބަބުންނެވެ.
ބީއެމްއެލްއަށް މި ރޭޓިންގް ލިބުމަކީ ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފިޗުން ވަނީ ބީއެމްއެލް ގެ މާކެޓް ހިއްސާ ބޮޑުކަމާއި ރާއްޖޭގެ ބޭންކިން ދާއިރާގައި އެ ބޭންކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލްއިން ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެ އެވެ. ބޭންކުގެ ގޮފިތަކާއި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި މުޅި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޭންކުން އެއްބާރުލުން ދެއެވެ.މީގެ އިތުރުން، ބީއެމްއެލް ގެ ރައުސްމާލުގެ ވަރުގަދަކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި ބޭންކުގެ މާލީ ވަރުގަދަކަން ބިނާވެފައިވަނީ އަމިއްލައަށް ރައުސްމާލު އުފެއްދުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި ޑިވިޑެންޑް ދޫކުރުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށެވެ.
ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ރޭޓިންގްއިން ދައްކުވައިދެނީ ބޭންކުގެ ވަރުގަދަކަމާއި، މާލީ ގޮތުން ހޯދަމުންދާ ކާމިޔާބީތަކެވެ.
ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާގެ ދަތިކަން ފަދަ ގޮންޖެހުންތައް ކުރިމަތިވެފައިވީ ނަމަވެސް، ފިޗުން ގަބޫލުކުރާ ގޮތުގައި ބީއެމްއެލްއަކީ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހުރި ވަރުގަދަ މުއައްސަސާއެކެވެ.