ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭސީ ބެހެއްޓިތާ ހަ މަސް | ކަރަންޓެއް ނުދޭ، ފިންޏެއް ނުވޭ

ގއ، އަތޮޅު ތައުލީމީ މަރުކަޒުގައި އޭސީ ބެހެއްޓީ ޖެނުއަރީ މަހު އެވެ. ނަމަވެސް އޭސީތަކަށް ކަރަންޓު ދީފައި ނުވެ އެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު މަަދަރުސާގައި މީގެ ހަ މަސް ކުރިން ބެހެއްޓި އޭސީތައް

ސްކޫލް އޭސީ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އޭސީތަކެއް ބެހެއްޓިތާ ހަ މަސް ވެގެން ދިޔައިރު ވެސް އޭސީތައް ނުޖައްސާތީ ބެލެނިވެރިންގެ ޝަކުވާ ބޮޑު ވެއްޖެ އެވެ. 

ގާތްގަނޑަކަށް 650 ދަރިވަރުން ކިޔަވާ މި ސްކޫލުގައި އޭސީ ހަރުކޮށްފައި ހުރި ތަންތަނުގެ ފޮޓޯތަކެއް 'މިރާ' އަށް ވަނީ ލިބިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ބެހެެއްޓި އޭސީތަކަށް ކަރަންޓު ދީފައެއް ނުވެ އެވެ. އަދި ބައެއް އައުޓްޑޯ ޔުނިޓުތައް ހަރު ވެސް ނުކޮށް ބްރެކެޓްތަކާއެކު ދޫކޮށްލާފައިވެ އެވެ. އަދި ބައެއް އައުޓްޑޯ ޔުނިޓުތައް ހަރުކޮށް އޭގައި ކަވަރުވެސް އަޅުވާފައި ހުރިތަން ފެނެ އެވެ. 

މި ސްކޫލްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިން ދަނީ އޭސީ ހަރުކުރިތާ ހަ މަސް ވެގެން ދިޔައިރު ވެސް ކަރަންޓު ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ސްކޫލްގެ ބެލެނިވެރިއަކު ބުނި ގޮތުގައި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އޭސީތައް ގެނައި ނަމަވެސް އެ ހަރުކޮށްފައެއްނުވެ އެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު މަަދަރުސާގައި މީގެ ހަ މަސް ކުރިން ބެހެއްޓި އޭސީތައް

"ފެނަކަ ކުންފުންޏާ ހަރުކުރަން ހަވާލުކުރީ، ބައެއް އޭސީތައް ހަރުކޮށް ހުރީ ވެސް. އެކަަމަކު އެއަށް ކަރަންޓެއް ނުދޭ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެެރިން ބުނާ ގޮތުގައި ރައީސްގެ ވައުދާ އެއްގޮތަށް އޭސީތައް ރަށަށް ގެނައި ނަމަވެސް އޭގެން އެ ސްކޫލް ދަރިވަރުންނަށް ލިބުނު ފިނިކަމެއް ނެތެވެ.

"އޭސީ ގެނައިނަމަވެސް ކަރަންޓެއް ނުދޭ. ސްކޫލުން ބުނަނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެހޭނީ ފެނަކައިންނޭ. ފެނައިން ބުނަނީ ސްކޫލުންނޭ. އެގޮތަށް ހަ މަސް މިއީ،" ބެލެނިވެރިއެއް ބުންޏެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު މަަދަރުސާގައި މީގެ ހަ މަސް ކުރިން ބެހެއްޓި އޭސީތައް

ބެލެނިވެރިން ބުނާ ގޮތުގައި ފެނަކަ އަށް ނުވާނަމަ ބެލެނިވެރިން އަމިއްލަ އަށް ވެސް އެކަން ކުރެވިދާނެ ކަމަށާ ނަމަވެސް ނުވާ ވާހަކަ ބުނަންވާނެ އެވެ.

"ކުރިންވެސް ބެލެނިވެރިން މިކަހަލަ ކަންކަން ކޮށްފައި ހުންނާނެ. އަޅުގަނޑުމެންގެ ދަރިން މި ހޫނުގައި ތިބެން ޖެހުނަކީ ބަލައިި ގަނެވޭނެ ކަމެއް ނޫން. މާލެ ސްކޫލްތައް ފިނި ކުރިއިރު ރާއްޖެތެރެ ވީމަ މިކަން ހަ މަސް ލަސްވުމަކީ ބޮޑު މައްސަލައެއް،" ބެލެނުވެރިއެއް ބުންޏެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ފިނި ކުރަން ހިންގާ މަަޝްރޫއުގެ ދަށޫން އޭސީ ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ 58.4 މިލިއަން ރުފިޔާއަށް އެސްޓާސްއާ އެވެ. ސްކޫލް ކޫލް" މަޝްރޫއުގެ ދަށުން 18،000 ބީޓީޔޫގެ 6500 އެއާކޯން ސަޕްލައި ކުރާނެ އެވެ. އަދި 24،000 ބީޓީޔޫގެ 1،500 އެއާކޯން ސަޕްލައި ކުރާނެ އެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސުކޫލުތަކެއް އެއާކޮންޑިޝަން ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށްޓަވާފައިވާ "ކޫލް ސުކޫލް" ޕްރޮގްރާމެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކާއި އޭސީ ހޯދައި ހަރުކުރުމުގެ މަސްއޫލިއްޔަތު ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. 

މާލޭ ސަރަހައްދުގެ ގިނަ ސުކޫލުތަކެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ ބޮޑު ބައެއް ވަނީ ނިންމާލެވިފަ އެވެ. އަދި އަތޮޅުތެރޭގެ ސުކޫލުތަކުގައި ވެސް މި މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކޮޅުތަކުގައި ހުރި ސަރުކާރު ސުކޫލުތަކުގެ 3,700 އަށްވުރެ ގިނަ ކްލާސްރޫމް އޭސީ ކުރެވޭނެ އެވެ. މީގެ އިތުރުން ސުކޫލުތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ވަނީ ނިންމައިފަ އެވެ. 

ސުކޫލުތައް އޭސީ ކުރުމުން ކަރަންޓަށް ހިނގާ ހަރަދު ބޮޑުވެގެންދާނެތީ، ސަރުކާރުން ވަނީ އޭގެ ހައްލެއް ވެސް މި މަޝްރޫއުގެ ތެރެއިން ރާވައިފަ އެވެ. އޭސީތައް ހިންގުމަށް އިތުރަށް ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.