މިނިސްޓަރު ޒަމީރު ހޫނު ގޮނޑިއެއްގައި ނަތީޖާއާ ހަމައަށް

ޒަމީރު ވަޒީރުކަމާ ހަވާލުވީ ދަތިވަގުތެއްގަ އެވެ. ކުރީގެ ސަރުކާރުން ހަދާފައިވާ ގޯސްތަކާއެކު މާލީ ސިތާސަތުތައް ބޮއްސުންލާފައިވާ ވަގުތެއްގަ އެވެ. ނަމަވެސް މުޅި ސަރުކާރާއެކު ކުރި މަސައްކަތުން ވަނީ އެ ނުރައްކަލުން ނެރުއްވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ނުވަތަ ވަޒީރުލް މާލިއްޔާ އަކީ ދައުލަތުގެ މާލީ ސިޔާސަތުތައް ރާވައި، ހިންގައި، އަދި ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އުފުއްލަވާ ފަރާތެވެ. ގާނޫނުއަސާސީ އާއި "ދައުލަތުގެ މާލިއްޔަތުގެ ގާނޫނު" ން ފިނޭންސް މިނިސްޓަރަށް ހުންނަވާ ބޭފުޅަކަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވެ އެވެ. އެ ބޭފުޅަކީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް، ގާނޫނުގައިވާ މުއްދަތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ހަރަދުކުރަމުންދޭ ތޯ ބަލައި، ބަޖެޓު ހަމަޖެހޭ ގޮތެއްގައި މެނޭޖުކުރަން ޖެހޭ ބޭފުޅާ އެވެ. އަދި އެ ބޭފުޅަކީ ޓެކުހާއި ފީ އަދި ހިލޭ އެހީ ހިމެނޭހެން ދައުލަތުގެ ހަރަދުތައް މެނޭޖުކުރާނެ ދުރުރާސްތާ ފިސްކަލް ޕްލޭންތައް ތައްޔާރުރުމާއި ގައުމުގެ އިގްތިސާދީ ދެމެހެއްޓެނިވިކަމަށްޓަކައި ދައުލަތުގެ ހަރަދުތަކާއި ދަރަނި އެއް ހަމައެއްގައި ހިފެހެއްޓުމުގައި ވެސް ކެޕްޓަނެއްގެ ގޮތުގައި ހުންނަވާ ބޭފުޅާ އެވެ. އަދި ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި ހިސާބުތައް ތައްޔާރުކުރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ސުޕަވައިޒްކުރުން އަދި މާލީ ގަވާއިދުތައް ހެދުމާއި ތަންފީޒުކުރުމަކީ ވެސް ފިނޭންސް މިނިސްޓަރަށް ހުންނަވާ ބޭފުޅެއްގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާ ތަކެވެ. 

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ނަމަވެސް މާލީ މި ސިޔާސަތުގެ ބޮޑުބައެއް އޮތީ ފިނޭންސުން ނުކުމެ އޮޔާ ދުއްވާލާފަ އެވެ. ފިނޭންސް މިނިސްޓްރީގައި ވަރުގަދަ ޓީމެއް އޮތްނަމަވެސް ރާއްޖޭގެ މެކްރޮކޯ އިކޮނޮމިކް ޕޮލިސީތައް އޮތީ ފެއިލްވެފަ އެވެ. މަސްވެރިންނަށް ބޮޑު އަދަދުން ފައިސާ ނުދީ އޮތްއިރު، ފެނަކައިގެ ސަބަބުން މުޅި އިގްތިސޯދު އޮތީ އަނަރޫފަވެދަ އެވެ. އެ ކުންފުނިން ލާރި ނުލިބިގެން ކުދިމެދުފަންތީގެ ގިނަ ވިޔަފާރި ތަކެއް ވަނީ ބަނރޫޓުވެފަ އެވެ. މިއާއެކު ނަގަމުން ދިޔަ އަނެއް ރާޅަކީ ބޮޑު ދަރަނި ދެއްކުމުގެ ސުންގަޑިއަށް ރާއްޖެ ދަތުރު ކުރަމުން ދިއުމެވެ.

އެސްޑީއެފް ހަދާފައި އޮތަސް ވެރިކަން ނިމުނުއިރު 500 މިލިއަން ޑޮލަރު ދައްކަން އަތްލެވޭ ގޮތަށް "ކޭޝް" ގެ ގޮތުގައި ހުރީ 2 މިލިއަން ޑޮލަރެވެ. އެ ދަރަނި ދައްކަން ފައިސާ އެއް ފަރާތް ކޮށްފައެއް ނެތެވެ. ޑޮލަރުގެ ރިޒާވް އޮތީ އިންތިހާއަށް އަޑިއަޅާލާފަ އެވެ. ރިޒާވްއިން ފެންނަ ހީކަރުކަމާއެކު ދުނިޔޭގެ މާލީ އިދާރާތަކުގެ ކޮންމެ ރިޕޯޓެއްގައި އެކަން ފާހަގަ ކުރަމުން ދިޔަ އެވެ. 

ބޮޑު ދަރަނީގެ ވަގުތު ކައިރިވިއިރު، އެކަމަށް ހުރި މަގުތައް އަނދިރި ވެގެން ދިޔައީ އިނދިކޮޅުން ދުރާލާ ރޭވުންތެރިކަމާއެކު ޖައްސަމުން ދިޔަ "ރާއްޖެ ބަނގުރޫޓު ވަނީ" ކެމްޕޭން ތަކެވެ. ނަތީޖާއަކީ 2024 އޮގަސްޓު ވަނަ މަހު ރާއްޖޭގެ ރިޒާވްގެ ހާލަތު ދަށްވެ ސްކޫކް ނުދެއްކިދާނެކަމުގެ ބިރަށް ފިޗުން ރާއްޖޭގެ ރޭޓިންގް "CC " އަށް ދަށް ކުރުމެވެ. ނަތީޖާއަކަށްވީ އިތުރު ދަތި ތަކެއް މާލީ ވަޒީރުގެ ބޮލުގައި އެޅުމެވެ. ރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އެއް ފަހަރާ ދައްކަން އޮތްއިރު، ކުރިމަތީގައި ހުރި ގޮންޖެހުންތައް އިންތިހާއަށް ގިނަ އެވެ. މި ދަތި ވަގުތު ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން މޫސާ ޒަމީރު ވަނީ ގިނަ މަސައްކަތް ތަކެއް ކުރައްވާފަ އެވެ. އަދި ނަތީޖާ ވެސް ނެރުއްވާފަ އެވެ. 

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭން ބޭރަށް ދަތުރުކޮށް ދަރަނި ދެއްކުމުގެ ކަންކަން ތާވަލް ކުރަން މިނިސްޓަރު ޒަމީރު ގިނަ މަަސައްކަތްތަކެއް ކުރެއްވި އެވެ. ދޭދޭ ގައުމުތަކުން ނަގާފައިވާ އަދި މި ސަރުކާރަށް ވާރުތަވަމުން ދިޔަ ދަރަނީގެ ކަންކަން ހަމަމަގަށް އެޅުވި އެވެ. ކުރިން ހަމައެކަނި "ރޯލްއޯވާ" ކުރަން ދޫކޮށްލާފައިވާ ދަރަނި ދައްކަން ޖެހޭނެކަން ގަބޫލުކުރި އެވެ. ކުރީގައި ގެންގުޅުނު ވިސްނުމަކީ ގައުމަކުން ދަރަނި ފަސްކޮށް ދޭނެ ކަމަށް ބަލައި ދެ ޖީބަށް އަތް ޖަހައިގެން މާލީ ވަޒީރު ދެކޮޅަށް ހިންގެވުމެވެ. ދަރަންޏަކީ ދައްކަން ޖެހޭ އެއްޗެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އަވަށްޓެރިންނާއި ރަހުމަތްތެރިން ދަރަނި ފަސްކޮށްދޭނެ ކަމަށް ގަބޫލުކޮށްގެން ތިބި އެވެ. ނަމަވެސް މިނިސްޓަރު ޒަމީރު އެވިސްނުން ދޫކޮށްލި އެވެ. އަދި އެ ވާހަކަ ބައެއް ޕަބްލިކް ޕްލެޓްފޯމްތަކުގައި ޒަމީރު ދެއްކެވި އެވެ. ރާއްޖޭގެ ދަރަނި ކުޑަވާނީ ހަމައެކަނި އެ ދައްކައިގެން ކަމަށް ގަބޫލު ކުރައްވައި އެ މަސައްކަތް ކުރެެއްވި އެވެ. 

އާމްދަނީގެ ޕޭޕަރުތައް ނަގައި ހަރަދުގެ ސޮފްހާތަކާ އަޅާ ކިޔައި މާލީޔަތުން ޖާގަ ހަދައި ދަަރަނި ދައްކަން ފެށި އެވެ. މީގެ އިތުރުން މާލީ ސިޔާސަތު ހަމައިން ނެއްޓިގެން ދިޔަ ނުދޭން ޒަމީރު ވަނީ ގިނަ މަސައްކަތް ތަކެއް ކުރައްވާފަ އެވެ. މީގެ ނަތީޖާވެސް ފެންނަން ފެށި އެވެ. އެންމެ ބޮޑު އެއް ކާމިޔާބީއަކީ ފެނަކައިގައި ތާށިވެފައި އޮތް މަޝްހޫރުތަކުގެ ތަޅު ނައްޓާލައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ރައީސްގެ ލަފާފުޅުޅާ އެއްގޮތަށް ފެށުމެވެ. މިގޮތުން ބީއެމްއެލް މެދުވެރިކޮށް މަޝްހޫރުތައް ކުރިއަށް ގެންގޮސް އިގްތިސޯދު ހިނގާނެ ބަދަލު ގެނައުމުގައި އިސްކޮށް މިނިސްޓަރު ޒަމީރު އުޅުއްވި އެވެ. މީގެ އިތުރުން ޒަމީރުގެ އެންމެ ބޮޑު އަނެއް ކާމިޔާބީ ފެންނަނީ މިދިޔަ އަހަރުގެ ބަޖެޓުންނެވެ. 

ބަޖެޓު ރިޕޯޓަށް ބަލާއިރު ދަތިވަގުތު ފިސްކަލް ހާލަތު ރަނގަޅަށް މެނޭޖުކޮށްފައިވާކަން އެނގެ އެވެ. ހާލަތަށް ބަލައި ފިއްތާލައިގެން ނަމަވެސް މިދިޔަ ފަސް އަހަރުތެރޭ ސަޕްލިމެންޓްރީއެއް ހުށަނާޅާ ބަޖެޓު މެނޭޖު ކުރި އެވެ. ފިސްކަލް ޑެފިސިޓްވެސް ވަނީ ލަފާކުރި މިންވަރަށްވުރެ ބޮޑު ތަނުން ކުޑަ ކޮށްފަ އެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް އޮންނާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ދަރަނި ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް މިއީ 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ. މިއީ މާލީ ވަޒީރެއްގެ ގޮތުން ޒަމީރުގެ ކާމިޔާބީގެ އެއް ބޮޅެވެ. 

މި ނަތީޖާގެ އިތުރުން ފިޗުން އެންމެ ފަހުން ނެރުނު ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ "ރިޕޯޓް" ވެސް ގުޅިފައިވަނީ ފިސްކަލް ފިޔަވަޅުރަކާއެވެ. ފިޗް ރޭޓިންގް އިން ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް އޮތް 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަ ޑިފޯލްޓް ރޭޓިން "ސީސީ" އިން 'ސީސީސީ-' އަށް ވަނީ މައްޗަށް ގެންގޮސްފަ އެވެ. ފިޗުން މި ނިންމުން ނިންމާފައިވަނީ މި އަހަރުގެ އޭޕްރިލް މަހު ހަލާސްކުރި ސޮވެރިން ސުކޫކް ރާއްޖެ އިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީ އަށް ފެންނާތީ އެވެ. މި ހުރިހާ ކާމިޔާބީތަކެއް ހޯދިނަމަވެސް މިނިސްޓަރު ޒަމީރު އަދި ވެސް އެ އިންނެވީ ހޫނު ގޮނޑިއެއްގަ އެވެ. ދުނިޔޭގެ ހަލަބޮލިކަމާއެކު ރާއްޖޭގެ އެތެރޭގައި އުފެދިފައިވާ ހޫނުކަމުގެ ސަބަބުން އިގްތިސޯދު މުޅިއަކަށް ހަމައަކަށް ނޭޅެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު ޒަމީރު ވެފައިވަނީ މި ދަތި ވަގުތު ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވި އެއް މާލީ ވަޒީރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.