ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންހެނަކު ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ ބިރު ދެއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ހުށަހެޅި އެ މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް ހިމެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ފުލުހުން ނުދެ އެވެ.