"ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ތިމާވެއްޓަށް އިސްކަން ދީގެން"

"އެހެންވީމާ ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ، މިސަރުކާރުން ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭ ގޮތަށް، ވަށައިޖެހޭ ގޮތަށް. މީގެ ކުރީގަ އެ ސަމާލުކަން އެގޮތަށް ދެވިފަ ނެތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މީގެ ކުރީ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގިއިރު ތިމާވެށި ރައްކާތެރިކުރަން އެހާބޮޑު އިސްކަމެއް ދީފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވަށައިޖެހޭ ގޮތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަލަށް ގެނެސްދޭން ފެށި "ޕަލްސް" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު ހާއްސަކޮށްފައި ވަނީ ތިމާވެއްޓަށެވެ.

މި ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ކުނި މެނޭޖް ކުރުމާއި ގޮނޑު ދޮށް ހިމާޔަތްކުރުންފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދެވި އޮތުމަކީ ތިމާވެއްޓަށް އިހުމާލުވުން ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ގަބޫލުކުރައްވަނީ އެއީ ތިމާވެއްޓަށް ދޭންޖެހޭ އިސްކަން ނުދީ އޮތް ކަމެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ވަރަށް އިސްކަންދެން. އަޅުގަނޑު ބޭނުންވަނީ މި ފަސް އަހަރުތެރޭ ހުރިހާ ރަށެއްގަ ޒަމާނީ ފެންވަރުގެ ކުނި ކޮށިތައް ހުންނަން. ހުރިހާ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރެވި އޮންނަން. ގަސް އިންދުމުގެ، ފެހި ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކީ ނިންމަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާއިރު ވެސް ތިމާވެށި ހިމާޔަތްވާން ޖެހޭނެ ކަމަށެވެ. ބިން ހިއްކުމަކީ ޒުވާނުންގެ މެދުގައި ވަރަށް "ކޮންޓްރަވާޝަލް" މައުލޫއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ތަރައްގީއާއެކުގައި ތިމާވެށިވެސް ހިމާޔަތް ކުރެވިގެން ދިއުން ކަމަށެވެ.

"ތަރައްގީއާ ތިމާވެއްޓާ އެކިއެކީގަ ގުޅި ލާމެހިގެން ދާނެ ގޮތަކަށް [މަޝްރޫއުތައް] އަޅުގަނޑުމެން ގެންދަން ބޭނުންވަނީ. އެއީ އަޅުގަނޑުމެންގެ ގައުމުގެ މަސްތަގުބަލް މި ބައްޓަން ކުރަނީ، ބައްޓަން ކުރާއިރު އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ އަޅުގަނޑުމެންގެ ކިބައިން މިސާލު ލިބިގަންނަ ކަމަކަށް ވާން ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންވެރިކަމަކީ މަސްވެރިކަމުގެ ބަޔަކަށްވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް ވެސް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން އެންވެރިކަން ނުގެއްލޭ ގޮތަށް އިޔާދަކުރުރެވޭ ޕްރޮގްރާމުތައް ހިންގުމަކީ ސަރުކާރުގެ ޕޮލިސީއެއްކަންވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ، މިސަރުކާރުން ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭ ގޮތަށް، ވަށައިޖެހޭ ގޮތަށް. މީގެ ކުރީގަ އެ ސަމާލުކަން އެގޮތަށް ދެވިފަ ނެތީ،" ރައީސް ވިދާޅުވި އެވެ.

ހަމައެކަނި ތަރައްގީގެ މަޝްރޫއުތައް ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ވަށައިޖެހޭ ގޮތަށް ކަމަށެވެ. ކުނި މެނޭޖް ކުރުމާއި ގޮނޑު ދޮށް ހިމާޔަތްކުރުންފަދަ މަޝްރޫއުތަކުގެ ޓާގެޓް މިއަހަރާއި އަންނަ އަހަރު ފުރިހަމަ ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.