ބޮޑެތި އެއާލައިންތައް ފަހަތަށް | އެންމެ ގިނަ މީހުން ގެންނަ އެއާލައިނަކަށް މޯލްޑިވިއަން

މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފްލައިޓްތަކުން ވަނީ ޖުމްލަ 2,752 މޫވްމަންޓް ރެކޯޑުކުރެވިފަ އެވެ. މިއީ ރާއްޖެ އަށް އޮޕަރޭޓްކުރި ޖުމްލަ ބައިނަލްއަގުވާމީ ފްލައިޓްތަކުގެ 19.3 % އެވެ.

މޯލްޑިވިއަންގެ ބޯޓުގައި ދަތުރު ފެށުމުގެ މުނާސަބަތުގައި ކޭކެއް ފަޅަނީ -- މޯލްޑިވިއަން

ދުނިޔޭގެ ބޮޑެތި އެއާލައިންތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއަށް އެންމެ ގިނައިން އިންޓަނޭޝަނަލް ފަސިންޖަރުން ގެނައި އެއާލައިންގެ މަގާމަށް ގައުމީ އެއާލައިން އަރައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރި ބައިނަލްއަގުވާމީ އެއާލައިންތަކުގެ ފްލައިޓް ހަރަކާތްތަކަށް ބަލާއިރު، އެންމެ ގިނަ ފްލައިޓް މޫވްމަންޓްސްއާއެކު ގައުމީ އެއާލައިން "މޯލްޑިވިއަން" ލިސްޓުގެ އެއްވަނަ ހޯދާފައިވާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފްލައިޓްތަކުން ވަނީ ޖުމްލަ 2,752 މޫވްމަންޓް ރެކޯޑުކުރެވިފަ އެވެ. މިއީ ރާއްޖެ އަށް އޮޕަރޭޓްކުރި ޖުމްލަ ބައިނަލްއަގުވާމީ ފްލައިޓްތަކުގެ 19.3 % އެވެ. 

ލިސްޓުގެ ދެވަނައިގައި އޮތީ މެދުއިރުމަތީގެ މަޝްހޫރު އެއާލައިން ކަމަށްވާ އެމިރޭޓްސް އެވެ. އެމިރޭޓްސްއިން 1,480 ފްލައިޓް މޫވްމަންޓް (10.4%) ރެކޯޑުކޮށްފައިވާއިރު، ތިންވަނައިގައި އޮތް ގަތަރު އެއާވޭސް އިން ވަނީ 1,172 ފްލައިޓް މޫވްމަންޓް (8.2%) ހިއްސާކޮށްފަ އެވެ. އަދި އަވަށްޓެރި އިންޑިއާގެ އިންޑިގޯއިން 974 މޫވްމަންޓާއެކު ހަތަރުވަނަ ހޯދާފައިވާއިރު، ފްލައިޑުބާއީ އޮތީ 714 މޫވްމަންޓާއެކު ފަސްވަނައިގަ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާލައިންތައް

  • މޯލްޑިވިއަން 2,752 ފްލައިޓް މޫވްމަންޓް
  • އެމިރޭޓްސް 1,480 ފްލައިޓް މޫވްމަންޓް
  • އިންޑިގޯ 974 ފްލައިޓް މޫވްމަންޓް

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެ އަށް ޖުމްލަ 44 ބައިނަލްއަގުވާމީ އެއާލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 29 ޝެޑިއުލް އެއާލައިނާއި 15 ޗާޓަރު އެއާލައިނެވެ. 

ރާއްޖެ އަށް އަންނަ ފްލައިޓްތަކުގެ ސީޓްތައް ފުރޭ މިންވަރު ނުވަތަ "ސީޓް ލޯޑް ފެކްޓްރީ" ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. މެއި މަހުގެ ނިޔަލަށް އެވްރެޖް ސީޓް ލޯޑް ފެކްޓަރ ހުރީ 74.0 % ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.8 % ގެ ކުރިއެރުމެކެވެ.

ފްލައިޓް މޫވްމަންޓްތަކަށް ބަލާއިރު ޔޫރަޕްގެ މާކެޓުން 16 އެއާލައިނެއް ހަރަކާތްތެރިވާއިރު، ޗައިނާ ހިމެނޭހެން އޭޝިއާ ޕެސިފިކް ސަރަހައްދުން 15 އެއާލައިނެއް ދަނީ ރާއްޖެ އަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ވައިގެ މަގުން ރާއްޖެ ގުޅާލެވިފައިވާ މިންވަރު ވަރުގަދަވަމުންދާކަމުގެ ހެކިތަކެއް ކަމަށް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އަދި މެދުއިރުމަތިން އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައިޑުބާއީ، ގަލްފް އެއާ، ސައުދިއާ އަދި އޮމާން އެއާ ހިމެނޭހެން ޖުމްލަ ހަތް އެއާލައިނެއް ރާއްޖެ އާދެ އެވެ.

އޭޝިއާ ޕެސިފިކް އަދި ދެކުނު އޭޝިއާ ސަރަހައްދުން ޗައިނާގެ މާކެޓް ކުރިއަރަމުން އަންނައިރު، ޗައިނާގެ ހަތަރު އެއާލައިނެއް މި ސަރަހައްދުން ޖުމްލަ 15 އެއާލައިނަކުން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރެއެވެ. އިންޑިއާ ސަރަހައްދުން އިންޑިގޯ އަދި އެއާ އިންޑިއާ މުހިންމު ދައުރެއް އަދާކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.