ވިނަރެސް ޓަވަރުތަކުގެ މެނޭޖްމެންޓް ކޯޕަރޭޝަން އެކުލަވާލާފައި ވަނީ އެ ޓަވަރުތައް 3 ސްޓްރާޓާ (އެއްމެދު އިމާރާތް) އަކަށް ބަހާލައިގެންނެވެ.

އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، ވިނަރެސް ޓަވަރުތަކުގެ އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި އެވެ.
ވިނަރެސް ޓަވަރުތަކުގެ މެނޭޖްމެންޓް ކޯޕަރޭޝަން އެކުލަވާލާފައި ވަނީ އެ ޓަވަރުތައް 3 ސްޓްރާޓާ (އެއްމެދު އިމާރާތް) އަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ސްޓްރާޓާއަކަށް ވަކި މެނޭޖްމެންޓް ކޯޕަރޭޝަނެއް ވަނީ އުފައްދާފައެވެ. ސްޓްރާޓާ 1 ގައި ހިމެނެނީ ވިނަރެސް ޓަވަރު 1 އިން 4 އަކަށެވެ. ސްޓްރާޓާ 2 ގައި ހިމެނެނީ ވިނަރެސް ޓަވަރު 5 އިން 8 އަށެވެ. އަދި ސްޓްރާޓާ 3 އަކީ ވިނަރެސް ޓަވަރު 9 އިން 10 އަށެވެ.
ސްޓްރާޓާ މެނޭޖްމެންޓް ކޯޕަރޭޝަން ހިންގުމަށްޓަކައި، އެ ސްޓްރާޓާތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އިންތިހާބުކުރާ ކައުންސިލެއް އެކުލަވާލައެވެ. މިގޮތުން ވިނަރެސް ޓަވަރުތަކުގައި ހިމެނޭ 3 ސްޓްރާޓާގެ ކައުންސިލްތައް މިހާރު ވަނީ އިންތިހާބުކޮށްފައެވެ. މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވިފައިވާ ކޯޕަރޭޝަންތަކެކެވެ. އެގޮތުން އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެ ކޯޕަރޭޝަންތަކާއި ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިކަމުގާ މެނޭޖްމަންޓް ކޯޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަން އެޗްޑީސީން އަންނަނީ ފޯރުކޮށްދެމުންނެއެވެ.
މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ސަރުކާރުގެ ދެންހުރި އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތަކެއް އެކުލަވާލައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް މެނޭޖްމަންޓް ކައުންސިލުތައް އިންތިހާބު ކުރެވިގެން ދިއުމެވެ.