"ޕްލޭންއެކޭ މިތާ މި ބުނަނީ ގަވާއިދުތަކެއް ހަދާ ވާހަކައެއް ނޫން. ކައުލްސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން އީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ހަރަކާތްތަކެއްގެ ވާހަކަ،" ޝަހީމް އިތުރަށް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން މާލެ އާއި އަތޮޅުތެރޭގައި އީދު ފާހަގަކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އިސްލާމީ އީދުތައް ކަމުގައިވާ ފިތުރު އީދާއި އަޟްހާ އީދު، މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރާ ބެހޭ ގޮތުން މިނިސްޓްރީ ހާއްސަ ޕްލޭނެއް އެކުލަވައިލަން ފަށާފައިވާ ކަމަށެވެ. އެކަން ކުރަނީ މިނިސްޓްރީގެ ހާއްސަ ކޮމެޓީއަކުންނެވެ.
މި ޕްލޭންގެ ދަށުން، އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އަދި ވަކިން ހާއްސަކޮށް ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަށްޓަކައި ސަގާފަތާބެހޭ ވުޒާރާއާ ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޕްލޭންއެކޭ މިތާ މި ބުނަނީ ގަވާއިދުތަކެއް ހަދާ ވާހަކައެއް ނޫން. ކައުލްސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން އީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ހަރަކާތްތަކެއްގެ ވާހަކަ،" ޝަހީމް އިތުރަށް ވިދާޅުވި އެވެ.
އީދު ފާހަގަކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މިއަހަރުވެސް އިލްތިމާސްކުރި އެވެ. ނަމަވެސް ބައެއް ރަށްރަށުގައި އިސްލާމީ އުސޫލުތަކާ ބީރަށްޓެހި ކަންކަން ކުރާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.