މި މަޝްރޫއު ފެށުމުގެ ގޮތުން މި އަހަރު ނޭވިއާ އެން 30 މޮޑެލްގެ ފަސް އުޅަނދު ފުރަތަމަ ފިޔަވަހީގައި ރާއްޖެ ގެންނާނެ އެވެ. އޭގެ ފަހުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 95 އުޅަނދު ގެންނާނެ އެވެ.

ހައިޑްރޯފޮއިލް އީވީ އުޅަނދު ރާއްޖެ އަށް ތައާރަފުކުރަން ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް އާއި އެމެރިކާގެ ނޭވިއާ ކުންފުންޏާ ދެމެދު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަނޑުދަތުރުފަތުރުގެ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެއް ކަމަށްވާ "ނޭވިއާ" އާއި ލަގްޒަރީ ހޮސްޕިޓާލިޓީ އަދި އިންފްރާސްޓްރަކްޗާގެ ބޮޑު ޕޯޓްފޯލިއޯއެއް އޮންނަ ދުބާއީގެ އިންވެސްޓްމަންޓް ގްރޫޕެއް ކަމަށްވާ "ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް" ގުޅިގެން ރާއްޖޭގައި ނޭވިއާގެ 100 އުޅަނދު ފޯރުކޮށްދޭނެ އެވެ. މިއީ މިފަދަ ގޮތަކަށް ރަށްތައް ގުޅާލުމަށް ދުނިޔޭގައި ގާއިމުކުރެވޭ ފުރަތަމަ އީވީ ސަރަހައްދީ ދަތުރުފަތުރުގެ ނެޓްވޯކަށްވާނެ އެވެ.

އެމެރިކާގެ ނޭވިއާ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން ނޭވިއާ އާއި ޖޭއައިއެޗް ގްލޯބަލްގެ މި ގުޅުމުގެ ދަށުން ރާއްޖޭގައި "ނޭވިއާ ނެޓްވޯކް" ގާއިމް ކުރާނެ އެވެ. މިއީ ހާއްސަ ސޮފްޓްވެއާގެ އެހީގައި ހިންގާ، ތިމާވެއްޓާ ރައްޓެހި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެކެވެ. މީގެ ބޭނުމަކީ މަތީ ފެންވަރުގެ ހައިޑްރޯފޮއިލް އުޅަނދުތަކެއް ބޭނުންކޮށްގެން އެއާޕޯޓްތަކާއި ރިސޯޓްތަކާއި އަމިއްލަ ވިލާތަކާއި އަދި މީހުން ދިރިއުޅޭ ރަށްތައް ގުޅާލުމެވެ. މި މުޅި މަޝްރޫޢުގެ އުޅަނދުތަކުގެ އަގު ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މި މަޝްރޫއު ފެށުމުގެ ގޮތުން މި އަހަރު ނޭވިއާ އެން 30 މޮޑެލްގެ ފަސް އުޅަނދު ފުރަތަމަ ފިޔަވަހީގައި ރާއްޖެ ގެންނާނެ އެވެ. އަދި އޭގެ ފަހުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 95 އުޅަނދު ނޭވިއާ އާއި ޖޭއައިއެޗް ރާއްޖޭގައި ތައާރަފު ކުރާނެ އެވެ. ޖޭއައިއެޗް އިން މީގެ މައިގަނޑު އިންވެސްޓްމަންޓް ބަލަހައްޓާއިރު، ރާއްޖޭގައި ހުންނަ އެ ކުންފުނީގެ އެފިލިއޭޓް ކުންފުނި ހަރިމް ކުންފުނިން ރާއްޖޭގެ އޮޕަރޭޝަންތައް ބަލަހައްޓާނެ އެވެ. މީގެ ތެރޭގައި ޗާޖުކުރާނެ ނިޒާމުތައް ގާއިމުކުރުމާއި ދަތުރުކުރާނެ ރޫޓްތައް ރޭވުމާއި ރިސޯޓްތަކާއެކު ބައިވެރިވުން އުފެއްދުމާއި އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުންވެސް ހިމެނެ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ނޭވިއާގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް މާކެޓެއް ކަމަށާ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރަކީ މެހެމާނުންނަށް ފުރިހަމަ ތަޖުރިބާއެއް ލިއްބައިދޭނެ އެއްޗަކަށް ހެދިދާނެކަން ސާބިތުކޮށްދޭން އެންމެ އެކަށީގެންވާ ތަން ކަމަށެވެ.
" އަހަރެމެން މި ކުރާ ކަމަކީ ހަމައެކަނި ބޯޓު ތަކެއް ލޯންޗުކުރުމެއް ނޫން، މިއީ ދެމެހެއްޓެނިވި ލަގްޒަރީ ދަތުރުފަތުރުގެ ނެޓްވޯކެއް ފެނުގެ މަތީގައި ބިނާކުރުން،" އެމެރިކާގައި ސްޓާޓަޕްއެއްގެ ގޮތުގައި ފެށި ނަމަވެސް ކުރިމަގުގައި ކަނޑުގެ "ޓެސްލާ" އަށްވާނެ އުންމީދު އޮތް އުޅަނދުގެ އުފެއްދި ބާނީ ބަޓަޗާރިޔާ ވިދާޅުވި އެވެ.
އެއްބަސްވުމާ ބެހޭ ގޮތުން ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ލަގްޒަރީ ފަތުރުވެރިކަން ކުރިއަރައިގެން ދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމެއްގެ ހައިސިއްޔަތުން، މުސްތަގުބަލުގައި ކަނޑުގެ ދަތުރުފަތުރު ބައްޓަންކުރާނެ ގޮތް ދުނިޔެ އަށް ދައްކައިދިނުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ ކުންފުނިން މި އިންވެސްޓްމަންޓް ރާއްޖެ ގެނެސްފައިވަނީ އެހެންވެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
މި ނެޓްވޯކްގައި ބޭނުންކުރާނީ ނޭވިއާ އެންޑް 30 ޕްރީމިއަމް ވޯޓާ ޓެކްސީ އެވެ. މިއީ އިލެކްޓްރިކް ހަކަރައިން ބާރު ދުވެލީގައި ދުވާ އުޅަނދު ތަކެކެވެ. މި އުޅަނދުތައް ގަޑިއަކު 75 ނޯޓިކަލް މޭލަށް ދަތުރު ކުރުމުގެ ގާބިލްކަން ހުރެ އެވެ. އަދި ހައިބްރިޑްކޮށް 150 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން މިއަށް ލިބިގެންވެ އެވެ. މީގެ އިތުރުން އެއާކޮންޑިޝަން ކޮށްފައިވާ ކެބިންތަކާއި، ލައުންޖް ސީޓިންގް، ސްޓާލިންކް އިންޓަނެޓް، އަދި ފެނުގެ މަތިން އުޅަނދު އުފުލާލައިގެން ދަތުރުކުރާ ހައިޑްރޯފޮއިލް ޓެކްނޮލޮޖީ މީގައި ހިމެނެއެވެ. އަދި ނޭވިއާގެ ސޮފްޓްވެއާ ޕްލެޓްފޯމް މެދުވެރިކޮށް ބުކިންގް ހެދުމާއި، ދަތުރުތައް މެނޭޖްކުރުން ފަސޭހަކަމާއެކު އެއް ނެޓްވޯކަކުން ކުރެވޭނެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖޭގައި މިހާރު ވެސް ތެޔޮ އަންދާ 3,000 އެއްހާ އުޅަނދު ބޭނުން ކުރެ އެވެ. ނޭވިއާ ނެޓްވޯކްގެ މަގްސަދަކީ މި ވަކިވަކި ނިޒާމުތައް އެއްކޮށްލައި، އެއް ސޮފްޓްވެއާ ނެޓްވޯކަށް ގެނައުމެވެ. މީގެ ސަބަބުން ޓޫރިސްޓުންނަށް އަޑު މަޑު އަދި އޮމާން ދަތުރު ތަކެއް ލިބިގެންދާނެ އެވެ. އަދި އޮޕަރޭޓަރުންނަށް ހަރަދު ކުޑަވުމުގެ ސަބަބުން އުޅަނދު ބޭނުން ކުރާ ފަރާތަށް ނަފާ އިތުރުވާނެ އެވެ. އަދި ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އަށް ވާސިލުވުމަށް ހިފާފައިވާ އަމާޒަށް ބަލާއިރު، ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ޒަމާނީކުރުމަކީ މުހިންމު ކަމެކެވެ.