ފިޗުން ރާއްޖޭގެ ރޭޓިން މިވަނީ 'CC' އިން އަށްދަށް ކުރީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ވާހަކަތަކުގެ އަޑު ގަދަވުމުންނެވެ. ނަމަވެސް މިފަހަރު ސީސީސީ- އަށް ރޭޓން މަތިކުރީ ރަނި ނުދެއްކުގެ ބިރެއް ނެތުމުންނެވެ.

ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރާއެކު ދަށްކުރި ފިޗުގެ ރޭޓިން ބޮޑު ދަަރަނި ހަލާސް ކުރުމުން ފިޗް ރޭޓިންގްސް އިން މިއަދު މަތިކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް އޮތް 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަ ޑިފޯލްޓް ރޭޓިން "ސީސީ" އިން 'ސީސީސީ-' އަށް މިއަދު މައްޗަށް ޖައްސާފަ އެވެ.
ފިޗުން މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެ އިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީ އެވެ.
މި ރޭޓިން އާންމުކޮށްފައިވަނީ މިއަދު ނެރުނު ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ރޭޓިންއާމެދު ފިނޭންސުގެ ބަސް - މި ރޭޓިންއާ ބެހޭ ގޮތުން ފިނޭންސް މިިނިސްޓްރީން ބުނެފައިވާ ގޮތުގައި ރޭޓިން އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ. އަދި ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. ސަރުކާރުން ބުނީ ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، މާލީ ސިޔާސަތުތައް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ގައުމުގެ އިގްތިސާދާއި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.

ފިޗުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގު ފަހިވާނެ ކަމެކެވެ.
ފިޗުން މިއަދު ނެރުނު ރޭޓިންގައި އާމްދަނީ އަށް ގެނެވޭ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ފިޗް އިން ފާހަގަކޮށްފައިވެ އެވެ އަދި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބުމަކީ ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބޭނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
ފިޗުން މި ބަދަލު ގެނައުމުގައި ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިން ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
ފިޗުން ފާހަގަކުރި އުންމީދުތައް - ކުރިއަށް އޮތް ކުރު މުއްދަތުގައި އިގްތިސާދީ ކުރިއެރުން މަޑު ޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް، މެދު ރާސްތާގައި ރިސޯޓުތައް އިތުރުވުމާއި ޓޫރިޒަމް އިންފްރާސްޓްރަކްޗާ ކުރިއެރުމުން އިގްތިސާދު ރަނގަޅުވާނެ ކަމަށް ފިޗުން ލަފާކޮށްފައިވެ އެވެ.
ފިޗުގެ ކަންބޮޑުވުންތައް - މި ރޭޓިއާއެކު ފިޗުން ވަނީ ބައެއް ކަންބޮޑުވުންތައްވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ސުކޫކް ދެއްކުމަށްޓަކައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު އިން 350 މިލިއަން ޑޮލަރު އަދި ރަސްމީ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކުރުމުގެ ސަބަބުން ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވުން ހިމެނެ އެވެ. އަދި އަދި މި އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 14.6 % އަށް ފުޅާވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ ސަރުކާރުން އަމާޒު ހިފި 7.1 % ދެގުނަ ބޮޑު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ ސަބްސިޑީ އަށް ހިނގާ ހަރަދު ބޮޑުވުމާއި ފަތުރުވެރިކަމުން ލިބޭ އާމުދަނީ ދަށްވުމެވެ.އަދި 2027 އަންނައިރު ރާއްޖޭގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ 119.2 % އަށް އުފުލޭނެ ކަމަށް ބެލެވުން ފާހަގަކޮށްފައިވުމެވެ. މީގެ އިތުރުން އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވުމާއި، ދަތުރުފަތުރަށް އަންނަ ބުރޫތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުގެ ވާހަކަތައް ފާހަގަކޮށްފައިވެ އެވެ.